ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގެ އިރުމަތީ ސަރަހައްދުތަކުގައި އެބޯލާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައި، އެ ބަލިން ރައްކާތެރިވުމަށް ގާއިމްކޮށްފައިވާ ސިއްހީ މަރުކަޒުތަކަށް ދެވޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
މި ހަމަލާތައް އިތުރުވާން ދިމާވީ އެބޯލާ ބަލީގައި މަރުވާ މީހުން ވަޅުލުމުގައި ސިއްހީ މާހިރުން ގެންގުޅޭ ހަރުކަށި އުސޫލުތަކާ މެދު އާންމުންގެ މެދުގައި ނުރުހުމާއި ނުތަނަވަސްކަން އުފެދުމުންނެވެ. ބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖަނާޒާގެ ކަންކަން ކުރިއަށްގެންދާތީ، އާންމުންގެ ސަގާފީ އަދި ދީނީ އާދަކާދަތަކާ މިކަންކަން ވަނީ ފުށުއަރާފައެވެ.
އެގޮތުން ދާދިފަހުން ރަވަމްޕާގެ ހެލްތު ސެންޓަރަކަށް ބަޔަކު ވަދެގަނެ، އެބޯލާގައި މަރުވި އެމީހުންގެ އާއިލާގެ މެންބަރުންގެ ހަށިގަނޑުތައް ހަވާލުކުރުމަށް ވަނީ ޑިމާންޑްކޮށްފައެވެ. މީގެ އިތުރުން އިތުރީ ޕްރޮވިންސްގެ މޮންގްބުވާލޫ ހޮސްޕިޓަލެއްގައި ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ޖަހާފައި ހުރި މެޑިކަލް ފޭލިގެތަކެއްގައި ވެސް އާންމުން ވަނީ ރޯކޮށްލާފައެވެ.
ކޮންގޯގެ ސިއްހަތާ ބެހޭ ވަޒީރު ރޮޖާ ކަމްބާ ވިދާޅުވީ، އެބޯލާ ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑަކީ ބަލި ފެތުރުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތް އެއްޗެއް ކަމަށާއި، އެފަދަ ހަށިގަނޑުތަކުގައި އަތްލައި އުޅެންވާނީ ހާއްސަ ތަމްރީނު ލިބިފައިވާ ސިއްހީ މުވައްޒަފުން އެކަނި ކަމަށެވެ. އަދި މަރުވާ މީހުންގެ ސަބަބުން ދިރިތިބީންގެ ފުރާނައަށް ނުރައްކާވެގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.
އެބޯލާ ފެތުރޭތީ ކަންބޮޑުވުން އިތުރުވެ، ކޮންގޯގައި ހެލްތު ސެންޓަރުތަކަށް ހަމަލާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ