މެންޑަލޯރިއަންގެ ފިލްމު ބޮޑު އާމްދަނީއެއް ހޯދައި "ސްޓާ ވޯޒް"އަށް އާ ދިރުމެއް

"ސްޓާ ވޯޒް" ފްރެންޗައިޒްގެ މަގުބޫލު ކެރެކްޓާތައް ކަމަށްވާ ދަ މެންޑަލޯރިއަން އާއި "ބޭބީ ޔޯޑާ"ގެ ނަމުން މަޝްހޫރުވެފައިވާ ކުޑަކުޑަ ގްރޯގޫގެ ފުރަތަމަ ފިލްމު "ދަ މެންޑަލޯރިއަން އެންޑް ގްރޯގޫ" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
ފެންޑްރޯ ޕަސްކަލް މެންޑަލޯރިއަންގެ ރޯލު ކުޅޭ އެ ފިލްމު ރިލީޒްކުރި ފުރަތަމަ ހަފުތާ ބަންދުގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 165 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. 
އެ ފިލްމު އުފެއްދި ޑިޒްނީން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ މެމޯރިއަލް ޑޭ ޗުއްޓީއާ ދިމާކޮށް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެ ފިލްމަށް އުތުރު އެމެރިކާގެ މާކެޓުން އެކަނިވެސް ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 103 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
އެއާ އެކު، މިދިޔަ ހަތަރު ހަފުތާގައި ބޮކްސް އޮފީހުގެ އެއްވަނައިގައި އޮތް މައިކަލް ޖެކްސަންގެ ބަޔޯޕިކް ފިލްމު "މައިކަލް" ފަހަތަށް ޖައްސާލައި، އެ ފިލްމު ވަނީ އެއްވަނަ ހޯދައިފަ އެވެ. އުތުރު އެމެރިކާއިން ބޭރުގެ މާކެޓުތަކުން އެ ފިލްމަށް 60 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމަށް ލިބުނު އާމްދަނީއަކީ ޑިޒްނީގެ ދަށުން ނެރުނު "ސްޓާ ވޯޒް" ފިލްމުތަކުގެ ތެރެއިން ފުރަތަމަ ހަފުތާގައި އެންމެ މަދުން އާމްދަނީ ލިބުނު ފިލްމަށްވީ ނަމަވެސް، މިއީ ފިލްމު އުފެއްދި ކުންފުންޏަށް ވަރަށް ފައިދާ ބޮޑު ފިލްމަކަށް ވާނެ އެވެ. ސަބަބަކީ މި ފިލްމުގެ ބަޖެޓަކީ 165 މިލިއަން ޑޮލަރަށް ވުމެވެ.
މިއީ "ސްޓާ ވޯޒް"ގެ އެހެން ފިލްމުތައް އުފެއްދުމަށް ހިނގާ 300 މިލިއަން ޑޮލަރުގެ ބޮޑެތި ބަޖެޓުތަކާ އަޅާބަލާއިރު ވަރަށް ކުޑަ ބަޖެޓަކުން ހެދި ފިލްމެކެވެ. އެހެންވެ، ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުނަސް މި ފިލްމަކީ މާލީ ގޮތުން ބޮޑު ކާމިޔާބީއަކަށް ވާނެ އެވެ.
މިއީ މިދިޔަ ހަތް އަހަރުގެ ތެރޭގައި ސިނަމާތަކަށް އައި "ސްޓާ ވޯޒް"ގެ ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ ޑިޒްނީ ޕްލަސް އިން ދައްކައިގެން ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒް "ދަ މެންޑަލޯރިއަން"އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އަދި 2019 ވަނަ އަހަރު މި ސީރީޒް ފެށުމާ އެކު، އޭގެއިން ފެނުނު ފެހިކުލައިގެ ކުޑަ ކެރެކްޓާ "ގްރޯގޫ"އަށް ސަޕޯޓަރުން "ބޭބީ ޔޯޑާ"ގެ ނަން ދީ، އެއީ ދުނިޔޭގެ ޕޮޕް ކަލްޗާގެ ބޮޑު ސެންސޭޝަނަކަށްވި އެވެ.
ޑިޒްނީއަށް މި ފިލްމުގެ ސަބަބުން ހަމައެކަނި ސިނަމާގެ ޓިކެޓުން ލިބޭ ފައިދާގެ އިތުރުން، ގްރޯގޫގެ ކުޅޭ އެއްޗެއްސާއި ޓީޝާޓު ފަދަ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީ ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެ ސީރީޒް ފެށުނު ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް 13 މިލިއަނަށް ވުރެ ގިނަ ގްރޯގޫގެ ކުޅޭ ސާމާނު ވިކިފައިވެ އެވެ.
މީގެ 49 އަހަރު ކުރިން 1977 ވަނަ އަހަރު ޖޯޖް ލޫކަސް އުފެއްދި "ސްޓާ ވޯޒް" ފްރެންޗައިޒް 2012 ވަނަ އަހަރު ޑިޒްނީން ގަތުމުން ގިނަ ފިލްމުތަކެއް ނެރުނެވެ. ނަމަވެސް ބައެއް ފިލްމުތަކަށް ފާޑުކިޔުންތެރިންގެ ފަރާތުން އެދެވޭ ތަރުހީބެއް ނުލިބުމާއި، "ސޯލޯ" ފަދަ ފިލްމުތަކަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިވުމުން، 2019 ގެ "ދަ ރައިޒް އޮފް ސްކައިވޯކާ"އަށް ފަހު ޑިޒްނީން ސިނަމާ ފިލްމުތައް ނެރުން މެދުކަނޑާލި އެވެ. އެއީ މާ އަވަސްއަވަހަށް ގިނަ ފިލްމުތަކެއް ނެރުމުގެ ސަބަބުން ފްރެންޗައިޒްގެ ފެންވަރު ދަށްވާ ކަމަށް ގަބޫލުކުރެވުމުންނެވެ.
"ދަ މެންޑަލޯރިއަން އެންޑް ގްރޯގޫ"ގެ ކާމިޔާބީއާ އެކު ސްޓާ ވޯޒްގެ ފިލްމުތަކަށް އޮތް އުއްމީދު ވަނީ އަނެއްކާވެސް އާވެފަ އެވެ. މި ފްރެންޗައިޒްގެ ދެން އެންމެ އަވަހަށް ނުކުންނަން އޮތް ފިލްމަކީ ރަޔަން ގޮސްލިން ހިމެނޭ "ސްޓާ ވޯރްސް: ސްޓާފައިޓާ" އެވެ. އެ ފިލްމު ރިލީޒްކުރަނީ މި އަންނަ އަހަރުގެ މެއި މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ