ދިވެހި ހުރިހާ ހައްޖުވެރިން ތިބީ މިނާގައި، ހުރިހާ ކަމެއް ރަނގަޅު: ހައްޖު މިޝަން

މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖޭން ދިޔަ ހުރިހާ ހައްޖުވެރިން ހެޔޮ ހާލުގައި މިހާރު ތިބީ މިނާގައި ކަމަށް ހައްޖު މިޝަނުން މިއަދު ބުނެފިއެވެ. ހައްޖުވެރިން މިނާއަށް ދަތުރުކުރަން ފެށީ، ރޭ ދަންވަރު ކަމަށްވާއިރު، ހުރިހާ ހައްޖުވެރިންނަށް މިނާއަށް ދެވުނީ ރޭ ފަތިހެވެ. ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާޢު ޢައްބާސް މިނާގައި ހުންނަވައި، ވިދާޅުވީ، ހުރިހާ ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށެވެ. މިގޮތުން، ހައްޖުގެ ކަންކަން އަދާކުރުމުގައި ހައްޖުވެރިންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހައްޖު މިޝަންގެ ފަރާތުން ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަކަން ފާހަގަކުރައްވައި، އޭނާ ވަނީ ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް ވިދާޅުވެފައެވެ. https://x.com/hajjmission_mv/status/2058741370899046671 ހައްޖުވެރިންނަށްޓަކައި މިނާގައި ފުރިހަމަ އިންތިޒާމުތަކެއް ހައްޖު މިޝަނުން ވަނީ ހަމަޖައްސާފައެވެ. މިގޮތުން، ފިރިހެންނުންނާއި އަންހެނުންނަށް ޚާއްސަ ޓެންޓު ހުރިއިރު، ކޮންމެ ހައްޖުވެރިއަކަށް ބާލީހަކާއި ސޯފާ ބެޑަކާއި ބެޑުޝީޓު ވަނީ ފޯރުކޮށްދީފައެވެ. އޭގެއިތުރަށް، ކުޑަ ދަބަހަކާއި މުސައްލައަކާއި ރީތިވާ ބައެއް ސާމަނު ހިމެނޭ ޕެކޭޖެއް ވެސް ކޮންމެ ހައްޖުވެރިއަކަށްދީފައިވާއިރު، ހުރިހާ ޓެންޓުތައް ހުރީ އޭސީކޮށްފައެވެ. އެ ޓެންޓުތަކުގެ ބޭރުގައި ހައްޖުވެރިންނަށް އަގަކާ ނުލައި، ތަފާތު ފިނި ބުއިންތައް ލިބޭނެ އިންތިާމު ވެސް ހަމަޖައްސާފައިވެއެވެ. މާދަމާއަކީ ހައްޖު ދުވަސް ކަމަށްވާއިރު, ހައްޖުވެރިން މިއަދު މިނާގައި މަޑުކުރުމަށްފަހު، އަރާފަތަށް ފުރާނީ މިރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ