ހޮރްމޫޒް ކަނޑުއޮޅީގައި އަޅާފައިވާ ހުރަސްތަކާ މެދު އަދިވެސް ދެބަސްވުންތައް ހުރި ނަމަވެސް، އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެކަމުގެ އުންމީދު އާވުމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ދެ ހަފުތާގެ އެންމެ ދަށް މިންވަރަށް މިއަދު ތިރިވެއްޖެ އެވެ.
ބްރެންޓް ކްރޫޑްގެ އަގު 4.71 ޑޮލަރު ނުވަތަ %4.55 ދަށްވެ، ފީފާއެއްގެ އަގު 98.83 ޑޮލަރަށް ވަނީ ތިރިވެފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިޔުޓީއައި) ކްރޫޑްގެ އަގު %4.73 ދަށްވެ، ފީފާއެއްގެ އަގު ވަނީ 92.03 ޑޮލަރަށް ވެއްޓިފަ އެވެ. މިއީ މި މަހުގެ 7 ވަނަ ދުވަހުގެ ފަހުން މި ދެ ބާވަތުގެ ތެލުގެ އަގު މިހާ ދަށްވި ފުރަތަމަ ފަހަރެވެ.
ތެލުގެ އަގަށް މި ބަދަލު އައީ، ހަނގުރާމަ ހުއްޓާލުމަށާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭ ގޮތުން ވޮޝިންޓަނާއި ތެހެރާނާ ދެމެދު އެމްއޯޔޫއެއްގެ މަޝްވަރާތަކުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފުލާ ތެލާއި ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު މަގަކަށް ވުމުން، މިއީ ބައިނަލްއަގުވާމީ ބާޒާރަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އަދިވެސް ބައެއް ކަންކަމުގައި ހިޔާލު ތަފާތުވުންތައް ހުރުމާ އެކު، އެއްބަސްވުމަކަށް އައުމުގައި އަވަސްއަރުވާނުލުމަށް ޓްރަމްޕް ފަހުން ވަނީ އިރުޝާދު ދެއްވާފަ އެވެ.
އެމްއެސްޓީ މާކީގެ އެނަލިސްޓް ސައުލް ކަވޮނިކް ވިދާޅުވި ގޮތުގައި، މިހާރު މިވަނީ މި މައްސަލައަށް ހައްލެއް ލިބިދާނެ ކަމުގެ އުންމީދީ ނިޝާންތަކެއް ފެންނަން ފަށާފަ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތެލުގެ އަގަށް ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް، އޮފިޝަލުން އިންޒާރު ދެއްވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުމުގެ މަސައްކަތް އާންމު ހާލަތަކަށް ރުޖޫއަވުމަށް އަދި މަސްތަކެއް ނަގާފާނެ އެވެ. އެއީ އެ ސަރަހައްދުގައި ހަލާކުވެފައިވާ ހަކަތަ އުފައްދާ ވަސީލަތްތައް މަރާމާތު ކުރަން ޖެހުމުގެ ސަބަބުންނެވެ.
އެމެރިކާ-އީރާން ސުލްހަވެދާނެ ކަމަށް ބެލެވޭތީ ތެލުގެ އަގު ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ