ލިޒްބަން (މެއި 25) - ސްޕޯޓިން ލިޒްބަންގެ މައްޗަށް 2-1 އިން ކުރިހޯދައި، އެ ޓީމު ސިއްސުވާލުމަށް ފަހު، ޕޯޗުގީސް ފުޓްބޯޅައިގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޓޮރީންސް އިން ޕޯޗުގީސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، އެ ކްލަބްގެ 109 އަހަރުވީ ތާރީހުގައި ލިބުނު ހަމައެކަނި ތަށްޓެވެ. އަދި، މި ކާމިޔާބީއާ އެކު، އެ ކްލަބުން ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަނުގައި ކުޅެން ޖެހުނަސް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގައި ވާދަކުރާނެ އެވެ. އެކަމަކު، ޓޮރީންސް އަށް އަންނަ ސީޒަނުގައި ޕޯޗުގީސް ފުރަތަމަ ޑިވިޝަނަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން، ޕްލޭއޮފް ފުރަތަމަ މެޗު ވަނީ 0-0 އިން އެއްވަރުވެފަ އެވެ. މި ބުރާސްފަތި ދުވަހު ދެ ވަނަ ލެގުގައި ކާސާ ޕިއާ އަތުން މޮޅުވެއްޖެނަމަ، ޓޮރީންސް އަށް ޕްރޮމޯޝަން ކަށަވަރުވާެނެ އެވެ.
ރޭގެ ފައިނަލުގެ ކުރިން، ޓޮރީންސް އިން އެންމެ ފަހުން ކަޕް ފައިނަލުގައި ކުޅުނީ 1956 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި ޕޯޓޯ އަތުން ވީ ބައްޔެވެ.
އެކަަމަކު، ރޭގެ ފައިނަލުގައި ސްޕޯޓިންއާ ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދީ އެވެ.
އެސްޓަޑިއޯ ޖޯސޭ އަލްވަލާޑޭ ސްޓޭޑިިއަމްގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ޓޮރީންސް އިން ވަނީ ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ކެވިން ޒޯހީ އެވެ. މި ލަނޑާ އެކު ޓޮރީންސް އިން ކުރީގައި އޮވެެގެން ފުރަތަމަ ހާފު ނިންމާލި އެވެ.
އެކަމަކު ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ ވަނަ މިނިޓްގައި ސްޕޯޓިން އިން ލަނޑު ޖަހައި އެއްވަރުކުރި އެވެ. އެ ގޮތުން އެ ޓީމުގެ ލަނޑު ޖެހީ، ލުއިސް ސުއާރޭޒް އެވެ. މިއީ، މެކްސިމިލިއާނޯ އަރައުހޯ ތަނަވަސްކޮށްދިން ފުރުސަތަކުން ސުއަރޭޒް ޖެހި ގޯލެކެވެ.
މެޗުގެ ފުުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފް ކުޅޭށެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގައި، އަރައުހޯ ކުރި ފައުލަކަށް ޕެނަލްޓީ އެއް ދޭން ނިންމި އެވެ. އެ ފައުލަށް އަރައުހޯ އަށް ރަތެއް ދެއްކިއިރު، ޓޮރީންސް އަށް ކުޅެމުން އަންނަ ކޭޕް ވާޑޭ ގައުމީ ޓީމުގެ ޑިފެންޑަރު، ސްޓޮޕީރާ ވަނީ ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ.
ސްޕޯޓިން ސިއްސުވާލައި ދެ ވަނަ ޑިވިޝަނުގެ ޓޮރީންސް ޕޯޗުގީސް ކަޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ