ތުރުކީގެ އިދިކޮޅު ލީޑަރު ވަކިކުރަން ކުރި ހުކުމާއެކު ބޮޑު ހަމަނުޖެހުމެއް

ތުރުކީގެ މައި އިދިކޮޅު ޕާޓީގެ ލީޑަރުން މަގާމުން ވަކިކުރުމަށް ކޯޓުން ކުރި ހުކުމަކާ ގުޅިގެން، އެ ގައުމުގެ ފުލުހުން ބާރުގެ ބޭނުންކޮށްގެން އެ ޕާޓީގެ މައި މަރުކަޒަށް ވަދެގަނެފި އެވެ.
އާދީއްތަ ދުވަހު އަންކާރާގައި ހުންނަ ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ މަރުކަޒަށް ފުލުހުން ވަދެގަތީ ކަރުނަގޭސް ޖަހައި، އެތަނުގެ ދޮރުތައް ހަލާކުކޮށްލުމަށްފަހު އެވެ.
މި ހާދިސާ ހިނގާފައިވަނީ އިދިކޮޅު ޕާޓީގެ ލީޑަރު އޮޒްގޫރު އޮޒެލް އިންތިހާބުކުރި ކުރުން ބާތިލްކޮށް، އޭނާގެ ބަދަލުގައި ކުރީގެ ލީޑަރު ކަމާލް ކިލިޗްދަރޯގްލޫ އައްޔަންކުރުމަށް އިސްތިއުނާފު ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަކާ ގުޅިގެންނެވެ. ކޯޓުގެ މި ނިންމުމަކީ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ބާރުތައް އިތުރަށް ވަރުގަދަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
ފުލުހުން ޕާޓީގެ މަރުކަޒަށް ވަންނަން މަސައްކަތް ކުރި ވަގުތު، ޕާޓީގެ މެންބަރުން ވަނީ ދޮރުމަތީގައި ހުރަސްތައް ބަހައްޓައި ފުލުހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިމާރާތުގެ އެތެރޭގައި ތިބި މީހުން ފުލުހުންނާ ދިމާލަށް ތަކެތި އުކައި، ފެން ހޮޅި ބޭނުންކޮށްގެން ފުލުހުންނަށް ހުރަސް އަޅާފައިވެ އެވެ. މި ކުރިމަތިލުންތަކުގެ ތެރޭގައި އޮޒެލްއަށް ތާއީދުކުރާ މީހުންނާއި ކިލިޗްދަރޯގްލޫއަށް ތާއީދުކުރާ މީހުންގެ މެދުގައިވެސް ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަގާމުން ވަކިކުރި ލީޑަރު އޮޒްގޫރު އޮޒެލް އެކްސްގައި ހިއްސާކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އެ ބޭފުޅުން ތިއްބެވީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. ފަހުން އިމާރާތުން ބޭރަށް ނުކުމެވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން އޭނާ ވިދާޅުވީ، އެ ބޭފުޅުން ބޭރުކޮށްލަން ބަޔަކު މަސައްކަތް ކުރި ނަމަވެސް، ދެން ފެންނާނީ މަގުތަކާއި މައިދާންތަކުން ކަމަށެވެ. އޭގެ ފަހުން އޭނާ ވަނީ އެތައް ސަތޭކަ ސަޕޯޓަރުންނާއެކު ގައުމުގެ ޕާލަމެންޓާ ދިމާލަށް ހިނގާލުމެއް ބާއްވާފައެވެ.
ކޯޓުގެ މި ނިންމުމާއެކު އިދިކޮޅު މައި ޕާޓީގެ މުޅި އެގްޒެކެޓިވް ކޮމިޓީވެސް ވަނީ އުވާލާފައެވެ. އަދި ޕާޓީގެ އާ ލީޑަރެއްގެ ގޮތުގައި ކޯޓުން ކަނޑައެޅި 77 އަހަރުގެ ކިލިޗްދަރޯގްލޫގެ މަންދޫބުން ވަނީ، ޕާޓީގެ މަރުކަޒު އެ ބޭފުޅުންނާ ހަވާލުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ.
އަންކާރާގެ ގަވަރުނަރުގެ އޮފީހުން ބުނެފައިވަނީ ފުލުހުންނަށް އަމުރުކުރީ ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށެވެ.
ހިއުމަން ރައިޓްސް ވޮޗުން ވަނީ އުރުދުޣާންގެ ސަރުކާރުން އިދިކޮޅު ޕާޓީއާ ދެކޮޅަށް ބާރުގެ ބޭނުންކޮށްގެން ތުރުކީގެ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކުރަމުންދާ ކަމަށް ބުނެ އިންޒާރު ދީފައެވެ. އޮޒެލް ތުހުމަތު ކުރައްވާ ގޮތުގައި އުރުދުޣާންގެ އޭކޭ ޕާޓީން މަސައްކަތް ކުރަނީ ސިޔާސީ ވާދަވެރިން ނައްތާލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ