އިރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އައުމަށް އަވަސް އަރުވާނުލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ މަންދޫބުންނަށް އަންގަވައިފި އެވެ.
މީގެ ކުރިން އެއްބަސްވުމަކާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވީ ނަމަވެސް، މިހާރު އެމަނިކުފާނު ވިދާޅުވަނީ ދެ ފަރާތުން ވެސް ވަގުތު ނަގައިގެން ރަނގަޅު ނަތީޖާއެއް ނެރުން މުހިންމު ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، ނަމަވެސް ކަންކަން ރަނގަޅަށް ނިންމުމަށްޓަކައި ދެ ފަރާތުން ވެސް ކެތްތެރިވާންޖެހޭ ކަމަށެވެ.
ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ އެއްބަސްވުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. މިއާއެކު ވަރަށް އަވަހަށް ރަސްމީ އިއުލާނެއް އަތުވެދާނެ ކަމަށް ބެލެވުނެވެ. އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވެސް ވަނީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަކުރައްވާފައެވެ. ނަމަވެސް އޭނާ ވިދާޅުވީ ދެ ފަރާތް މިހާރު ތިބީ އެއްބަސްވުމަކާ ވަރަށް ގާތުގައި ކަމަށް ވެސް ވެދާނެ ކަމަށާއި، އަދި ވަރަށް ދުރުގައި ކަމަށް ވެސް ބެލެވިދާނެ ކަމަށެވެ.
މިހާރު މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމުގައި ހިމެނެނީ 60 ދުވަހުގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އިތުރުން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދެއްކުމުގެ ރޭވުމެކެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިއީ ދާއިމީ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި އެންމެ އުނދަގޫ މައްސަލަތައް ކަމަށްވާ އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ ފައިސާ ދޫކުރުމާއި، އަދި އިރާނުގެ ނިއުކްލިއާ މަސައްކަތްތައް ހުއްޓުވުމުގެ މައްސަލަ ވަނީ ފަހުން މަޝްވަރާކުރުމަށް ބަހައްޓާފައެވެ.
މި އެއްބަސްވުމާ މެދު އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ބައެއް މެންބަރުން ބުނާ ގޮތުގައި މިއީ އިރާނަށް ދެވޭ މާ ބޮޑު ލުޔެކެވެ. ސެނެޓަރު ޓެޑް ކްރޫޒް ވިދާޅުވީ މިއީ ބޮޑު ގޯހެއް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގައި ނުތަނަވަސްކަން އުފެދުނެވެ. އިރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އިޒްރޭލާއި އެމެރިކާ ގާތް ގުޅުމެއް ބާއްވާ ގަލްފުގެ ގައުމުތަކަށް ހަމަލާދީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ.
މިއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުނެވެ. އޭޕްރީލް މަހުގެ ކުރީކޮޅު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމުން، އެމެރިކާއިން ވަނީ އިރާނުގެ ބަނދަރުތައް ބްލޮކްކޮށްފައެވެ. ޓްރަމްޕް ވިދާޅުވީ ދާއިމީ އެއްބަސްވުމެއްގައި ސޮއިކުރެވެންދެން މި ފިޔަވަޅުތައް ދެމިއޮންނާނެ ކަމަށެވެ.
އިރާނާއެކު އެއްބަސްވުމަކަށް އައުމަށް އަވަސް އަރުވާނުލުމަށް ޓްރަމްޕް އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ