މިލާން (މެއި 25) - އިޓާލިއަން ލީގުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، ކަލިއަރީ އަތުން 2-1 އިން އޭސީ މިލާން ބަލިވުމުގެ ފައިދާނަގައި، ކްރެމޮނީސޭ އަތުން 4-1 އިން ކުރިހޯދައި، ސެސްކް ފަބްރެގަސް ކޯޗުކޮށްދޭ ކޯމޯ އިން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި އެވެ.
މިއީ، ކޯމޯ ތާރީހުގައި ވެސް އެ ޓީމުން ޗެމްޕިއަންސް ލީގުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
ލީގުގެ ގަދަ ހަތަރެއްގެ ފަހު ތިން ޖާގައިގެ ވާދަވެރިކަން ރޭގެ މެޗަތަކަށް ނުކުތްއިރު އޮތީ ބޮޑުވެފަ އެެވެ. ޗެމްޕިއަންކަން ހޯދި އިންޓަ މިލާނުން އެއް ދުވަސް ކުރިން ފަހު މެޗު ކުޅެ ވަނީ ބޮލޯނިއާއާ އެއްވަރުވެފަ އެވެ. އިންޓަ އަށް ލިބުނީ 87 ޕޮއިންޓެވެ. ދެ ވަނަ ހޯދި ނަޕޯލީން ރޭ 1-0 އިން އުދިނޭޒީ ބަލިކޮށް ވަނީ 76 ޕޮއިންޓް ހޯދައިފަ އެވެ.
ތިން ވަނަ އަށް ރޯމާ ދިޔައީ ރޭ ހެލަސް ވެރޯނާ އަތުން ރަށުންބޭރުގައި 2-0 އިން މޮޅުވުމުންނެވެ. ރޯމާ އަށް 73 ޕޮއިންޓް ލިބުނެވެ. އަދި، ހަތަރަކަށް ދިޔަ ކޯމޯ އިން 71 ޕޮއިންޓް ހޯދި އެވެ.
މިލާނަށް ލިބުނީ 70 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނަ އެވެ. އެ ޓީމާ އެކު، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ލިބުނީ ޔުވެންޓަސް އަށެވެ. ޔުވެންޓަސް އިން ރޭ ޓުރިން ޓާބީގައި ޓޮރިނޯއާ ކުޅެގެން 2-2 އިން ވީ އެއްވަރެވެ. ޑޫސާން ވްލަހޯވިޗްގެ ދެ ގޯލުން ޔުވެންޓަސް އިން ލީޑުނެގި މި މެޗުގައި ޓޮރިނޯ އިން ދެ ލަނޑު ޖަހައި އެއްވަރުކުރީ އެވެ. ލަނޑުތައް ޖެހީ ސެސާރޭ ކަސެޑޭ އާއި ޗޭ އެޑަމްސް އެވެ.
ރޭގެ މެޗުގައި މިލާނުން އަލެކްސިސް ސަލެމާކާގެ ގޯލުން ދެ ވަނަ މިނިޓްގައި ލީޑުނެގި އެވެ. އެކަމަކު، 20 ވަނަ މިނިޓްގައި ކަލިއަރީގެ ޖެނާރޯ ބޮރެލީ ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. ކަލިއަރީ މޮޅުވި ލަނޑު ޖެހީ ފުލްބެކް، ޖުއާން ރޮޑްރީގޭޒް އެވެ.
ނަޕޯލީ އަށް ލީގު ޗެމްޕިއަންކަން ހޯދައިދިންތާ 12 މަސް ފަހުން، އެންޓޯނިއޯ ކޮންޓޭ އެ ޓީމު ދޫކޮށްލިއިރު، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފަހު މެޗުގައި އުދިނޭޒީ އަތުން ނަޕޯލީ މޮޅުކޮށްދިން ހަމައެކަނި ލަނޑު ޖެހީ ރަސްމުސް ހޮއިލުންޑް އެވެ.
މިލާން ބަލިވުމުގެ ފައިދާނަގައި ފަބްރެގަސްގެ ކޯމޯ ޗެމްޕިއަންސް ލީގަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ