ރާޖް އާއި ޕަތުރަލެކާ ޕްރޮޑިއުސްކުރާ ފުރަތަމަ ބޮޑު ސްކްރީން ފިލްމު މި އަހަރުގެ އޮކްޓޫބަރު މަހު
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ އާއި ޕަތުރަލެކާ ޕްރޮޑިއުސްކުރާ ފުރަތަމަ ބޮޑު ސްކްރީން ފިލްމު "ރަފްތާރު" މި އަހަރުގެ އޮކްޓޫބަރު މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ. ރާޖް އާއި އެކްޓަރުގެ އަންހެނުން ޕަތުރަލޭކާގެ ފުރަތަމަ ތިއޭޓްރިކަލް ޕްރޮޑަކްޝަން ރިލީޒްކުރަން ނިންމާފައި ވަނީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އަދިތިޔާ ނިމްބާލްކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންސާނުންގެ އުންމީދުތަކާއި، ހުވަފެންތަކާއި، ކާމިޔާބީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބޮޑެތި ކާމިޔާބީތައް ހާސިލުކުރުމަށްޓަކައި ކުރާ މަސައްކަތުގައި ގިނަ ބަޔަކަށް ކުރިމަތިވާ ނަފްސާނީ ބަލިކަށިކަމުގެ އިތުރުން ދިމާވާ ގޮންޖެހުންތައް މި ފިލްމުން ބެލުންތެރިންނަށް ތަސައްވަރުކޮށްލެވޭނެއެވެ. ފިލްމު "ޓޯސްޓާ"ގެ މަންޒަރެއްގައި ރާޖް އާއި ފިލްމީ ތަރި ސާންޔާ މަލްހޯތުރާ--ފޮޓޯ/ބޮލީވުޑްހަންގާމާ މި ފިލްމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ރާޖްގެ ދެމަފިރިން ބުނީ، ހުވަފެނެއް ބިނާކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. ފިލްމު "ރަފްތާރު" އަކީ ރާޖް އާއި ބަތަލާ ޕަތުރަލެކާ ސިނަމާގެ ދުނިޔެއަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށް ދެމަފިރިން ގުޅިގެން ނެރުނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން، "ރަފްތާރު" ބަލާލުމުން އެއީ ހަމައެކަނި ފިލްމެއްގެ ގޮތުގައި އިހުސާސް ނުވާނެ ކަމަށާއި، އޭގެން ކޮންމެ މީހެއްގެވެސް ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތާއި، އިހުސާސްވާ ބިރުވެރިކަން އަދި ކުރެވޭ އުންމީދުތައް ދައްކުވައިދޭނެ ކަމަށްވެސް އެ ދެމަފިރިން ވަނީ ބުނެފައެވެ. ރާޖް އާއި ޕަތުރަލެކާގެ އަމިއްލަ ފިލްމު ކުންފުނި، ކާމްޕާ ފިލްމްސް ބެނާގެ ދަށުން އުފައްދާ "ރަފްތާރު"ގެ ލީޑް ރޯލްއިން ފެންނާނީ ރާޖްއެވެ. ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެ މައުލޫމާތު މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ. މި ޕްރޮޑަކްޝަން ކުންފުނިން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ މަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފިލްމު "ޓޯސްޓާ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ