ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އަލަށް އައްޔަން ކުރެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންވާ ތިމާވެށީގެ މިނިސްޓަރު އަލީ ޝަރީފް، މީގެ ކުރިން ސޯޝަލް މީޑިއާގައި ހުތުރު ބަހުން ކޮށްފައިވާ ޕޯސްޓުތައް އާންމުވެ، ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަލީ ޝަރީފް މަގާމަށް އައްޔަން ކުރުމާ އެކު، އޭނާ އެކްސްގައި މީގެ އަހަރުތަކެއް ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި ކުރެއްވި ޕޯސްޓުތައް ދައުރުވާން ފެށި އެވެ.
ތަފްސީލު - އަލީ ޝަރީފް 2019ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)ގެ ހާލަތަށް ބަދުބަސް ވިދާޅުވެ، ފުރައްސާރަ ކުރައްވާފަ އެވެ.
"މީނާގެ ދެން ހުރި އަގުނުތައް [ގުނަވަންތައް] ސަލާމަތުން ﷲ ދެއްވީތީ މީނާ ޝުކުރުވެރިވާން އެބަޖެހޭ،" އިބްރާހިމް އިސްމާއިލްއަށް ނިސްބަތްކުރައްވައި އަލީ ޝަރީފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
އަލީ ޝަރީފް 2020ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ "ބޮޑު ޓެރަރިސްޓެއް" ކަމަށް ވެސް ސިފަ ކުރައްވާފަ އެވެ.
އޭގެ އިތުރުން ވެސް އަލީ ޝަރީފްގެ ޕޯސްޓުތަކުގައި ބައެއް މީހުންނަށް ހުތުރު ބަހުން ނިސްބަތްކޮށް ހަޖޫ ޖައްސަަވާފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި 19 ވަނަ މަޖިލީހުގެ މަޖިލިސް މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އެމްޑީޕީ ވެރިކަމުގައި އޮތް އިރު، އިދިކޮޅުގައި އޮތް ޕީޕީއެމްއަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައިވެ އެވެ.
މި ޕޯސްޓުތައް އާންމުވެ، ފާޑުކިޔުން އަމާޒުވުމުން އަލީ ޝަރީފް ވަނީ ޕޯސްޓުތައް ޑިލީޓް ކުރައްވަން ފައްޓަވާފަ އެވެ. ދައުރުވި ގިނަ ޕޯސްޓުތައް މިހާރު އޭނާ ވަނީ ޑިލީޓް ވެސް ކުރައްވާފަ އެވެ.
"މީހުންނަށް ފުރައްސާރަ ކުރުން، ނުކުޅެދޭ މީހުންނަށް ޖޯކް ޖެއްސެވުން. މުސްލިމުންނާ ދިމާލަށް ލާދީނީ ގޮވުން، އަވައްޓެރި ގައުމުތަކުގެ ވެރިންނަށް ހަޖޫޖެހުން. މިއީ ތިބޭޅާގެ ހޮބީތޯ؟،" އަލީ ޝަރީފް ޓެގްކޮށް އެކްސްގައި މީހަކު ސުވާލު ކުރި އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއާމް ސައުދު ކުރި ޕޯސްޓެއްގައި ބުނީ، ބެކްރައުންޑް ޗެކް ނުހަދާ ވަޒީފާ ދިނުމަކީ މި ސަރުކާރުން ވަރަށް ގިނައިން ކޮށްފައިވާ ކަމެއް ކަމަށެވެ.
"ވަޒީރަކަށްވީމަ މީހާގެ ވިސްނުމާއި ފިކުރު އަދި ގަބޫލު ކުރާ ގޮތް އޯވާނައިޓެއް ތެރޭ ބަދަލުވަނީކީ ވެސް ނޫން. ވަޒީރުކަމުގައި ކުރިއަށްދާ ނަމަ، ކުރިން ދައްކާފައިވާ ހުރި މިފަދަ ވާހަކަތަކަށް ޖަވާބުދާރީވާން ޖެހޭ،" މިދުއާމް ބުންޏެވެ.
އަލީ ޝަރީފްގެ މި ބަސްމަގާ ގުޅިގެން އޭނާއަށް މަޖިލީހުން ރުހުން ނުދިނުމަށް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.
ތިމާވެށީގެ މިނިސްޓަރު ސޯޝަލް މީޑިއާގައި ގެންގުޅުނު ހުތުރު ބަސްމަގަށް ފާޑުކިޔުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ