އެމްޑީޕީން ބޭނުމޯ ޖޭއެސްސީ އިސްލާހުކުރަން: ޖޯކެއް ނޫންތޯ؟

އެއީ އޮގަސްޓް 7, 2018 އެވެ. ލ. ގަމުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު އެ ރޭ ކުރިއަށް ދިޔައީ ފޯރިގަދަ ޖަލްސާއެކެވެ. ކަން ދިމާކުރި ގޮތުން ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ ޖަލްސާ ކަވަރުކުރަން އެ ތަނުގައި އަޅުގަނޑަށް ހުރެވުނެވެ. އޭރުގެ އިދިކޮޅު ބޮޑު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އެރޭ ވަނީ ބޮޑު ކަމެއް އިއުލާންކުރައްވައިފައެވެ. އެއީ، ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ނުފޫޒު ނުފޯރުވޭނެ ގޮތަށް, ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ އެމްޑީޕީގެ އެ ފަހަރުގެ ރިޔާސީ ވައުދެކެވެ. އެފަދަ އެތައް ވައުދަކާ އެކު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވުމުގެ ފުރުސަތު ރައްޔިތުން ދެއްވިއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. އިސްލާހީ އެތައް ބަދަލަކަށް އުންމީދުކޮށްގެން ތިބި ރައްޔިތުން ޞާލިޙްގެ ސަރުކާރަށް މަޖިލީހުގެ ފުލް މެޖޯރިޓީ ދިނެވެ. ގާނޫނާއި ގަވާއިދަށް ބޭނުން ބަދަލެއް ގެނައުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ދިނެވެ. ނަމަވެސް، އާރާއި ބާރުގައި ވެރިކަން ކުރެއްވި އެ ފަސް އަހަރު ނިންމަވާލެއްވީ ވައުދުވިގޮތަށް ޖޭއެސްސީ އިސްލާހުކުރުން ފަދަ އެއްވެސް ކަމެއް ނުކުރައްވައެވެ. ނަމަވެސް، އެމްޑީޕީން އަނެއްކާ މިއަދު މި ވަނީ އެ ވާހަކަދައްކަން ފަށައިފައެވެ. ހުރިހާ ބާރެއް ދިނުމުން ވެސް, ވީ އެ ވައުދު ނުފުއްދި ބައެއް ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި އިދިކޮޅު އެމްޑީޕީން މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ހުށަހެޅި 12 ޑިމާންޑުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޖޭއެސްސީ އެކުލެވިގެންވާ އޮނިގަނޑު އިސްލާހުކުރުމަށް ގޮވާލާފައިވާ ގޮވާލުމެވެ. މިއީ ދިވެހި ސިޔާސީ މަސްރަހުގައި ފެންނަން އޮތް އެންމެ ބޮޑު އެއް ޖޯކެވެ. ސަބަބަކީ، ވެރިކަމުގެ އާރާއި ބާރު އޮންނައިރު، ޖޭއެސްސީއަކީ ސިޔާސީ މީހުންގެ މުށުތެރޭގައި އޮންނަންޖެހޭ ތަނެއްގެ ގޮތުގައި ދެކުމަށް ފަހު، ވެރިކަން ގެއްލުމުން އެތަން މިނިވަންކުރަން ގޮވާލުމަކީ ސިޔާސީ މުނާފިގުކަމުގެ އިންތިހާއަށް ވުމެވެ. މިކަމުން ސާބިތުކޮށްދެނީ، ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނިޔަތް އެއްވެސް އިރެއްގައި ސިޔާސީ ޕާޓީތަކުގެ ކިބައިގައި ނެތް ކަމެވެ. https://www.sun.mv/140123 ރައްޔިތުންގެ ވޯޓް ހޯއްދެވުމަށް އެ ވައުދުވެވަޑައިގެން މަގާމު ހޯއްދެވުމަށް ފަހުގައި އެ ދުވަހު, ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރެއްގެ އިތުރުން ބަންޑާރަނައިބު އިންނަވާ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން އެމްޑީޕީން ބޭނުމެއް ނުވިއެވެ. އެކަމަށް އެދި އޭރުގެ އިދިކޮޅު, އަދި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން މަޖިލީހަށް އެކަން ހުށަވެސް ހެޅުއްވިއެވެ. ނަމަވެސް، އެމްޑީޕީގެ ސުޕަ މެޖޯރިޓީން އެ ކަންތައް ކޮށްލީ ބޭރެވެ. ރައްޔިތުންނަށްވީ ވައުދެއް އެ ދުވަހު ނުފުއްދެވިއެވެ. ހަމަ އެކަނި ޖޭއެސްސީ އިސްލާހު ނުކޮށް ނިންމާލީއެއް ނޫނެވެ. އެ ސަރުކާރުގައި އަމަލީ ގޮތުން ފެނުނީ ޖޭއެސްސީގެ ބޭނުން ހިފައިގެން ފަނޑިޔާރުންނަށް ފިޔަވަޅު އަޅައި, ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށް، ޝަރުއީ ދާއިރާ އެމްޑީޕީގެ ސިޔާސީ ކޮންޓްރޯލްގެ ދަށުގައި ބޭއްވި ތަނެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފަނޑިޔާރުގެތަކަށް ދިން ހަމަލާތައް ކިޔައިދެއްވަމުން ކުރީގެ ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ޕާޓީއަށް އާރާއި ބާރު އޮތްއިރު މިނިވަން ފަނޑިޔާރުގެއަކަށް ފުރުސަތެއް ނުދެއްވައެވެ. އޭނާ އެއް ކަމަކަށް ފާހަގަކުރެއްވީ ފަނޑިޔާރުންގެ ސުލޫކީ ކަންކަމާމެދު ޖޭއެސްސީން ނިންމާ ނިންމުންތަކާ މެދު ކޯޓުތަކުގައި ޗެލެންޖު ނުކުރެވޭނެ ގޮތަށް އޭރު ގެނައި ބަދަލެވެ. "އެއީ ކުންފުންޏެއްގައި ވަޒީފާގައި އުޅޭ ސްޓާފުންނަށް ވުރެ ފަނޑިޔާރުންގެ ވަޒީފާއާ ބެހޭ ކަންކަން ދަށަށް ގެންދިއުން. އެ ފުރުސަތު ނަގާލި ބައެއް އެމްޑީޕީއަކީ," އެ ބޭފުޅާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވީ ހަމައެކަނި ބޮޑެތި މައްސަލަތަކެއް ނޫނެވެ. ކުދި ކަންކަމަށް ވެސް ނުފޫޒުތައް ފޯރުވި ކަމަށް ތުހުމަތުތައް ކުރެއްވެވިއެވެ. އެ ބޭފުޅާ ފާހަގަކުރެއްވި އެފަދަ އެއް ކަމަކީ, ފަނޑިޔާރުން ހުވާކުރަން ޖެހޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި ކަމަށް ގާނޫނުއަސާސީގައި އޮއްވައި, ޖޭއެސްސީގެ އޭރުގެ ރައީސް ހިސާން ހުސައިންގެ ކުރިމަތީގައި ހުވާ ކުރާ ގޮތަށް އަމަލު ކުރަން ފެށުމެވެ. ހަމަ އެހެންމެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މެންޑޭޓް, އޭރު އެމްޑީޕީގެ މެޖޯރިޓީ އޮތް ޖޭއެސްސީގެ އަތަށް ނެގިކަން އޭނާ ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން، ކޯޓުތަކުގެ އިދާރީ ހިންގުމުގެ އޮނިގަނޑު ޑިޕާޓްމަންޓުން ހަދައި ކޯޓު އެޑްމިނިސްޓްރޭޓަރުންގެ ނަމުގައި ބަޔަކު އައްޔަންކުރުމާއި އެއީ ކޯޓުގެ އިދާރީ އެންމެ އިސް މީހާ ކަމުގައި ހެދިކަން ފާހަގަކުރެއްވެވިއެވެ. "މި މީހުން އައްޔަންކޮށް އެ މީހުން ކުރާ ހުރިހާ ކަމެއް މޮނިޓާކޮށް ބަލަހައްޓަނީ ޖޭއެސްސީން. މި މީހުން ބުނާ ގަޑިއެއްގައި މެޖިސްޓްރޭޓުން ކޯޓަށް އަންނަން ޖެހޭނީ ވެސް. މި މީހުން ބަލައިގަންނަ މައްސަލަތަކެއް މެޖިސްޓްރޭޓާ ހަމައަށް ދާނީ ވެސް. ބަންދުގައި ގެންނަ މީހުންގެ މައުލޫމާތު ވެސް މެޖިސްޓްރޭޓާ ހަމައަށް ދާނީ މި މީހުންނަށް އެ މައުލޫމާތު ލިބިގެން," ކުރީގެ އެ ފަނޑިޔާރު ތަފުސީލުކޮށްދެއްވެވިއެވެ. "މީ ޚާއްޞަކޮށް ހުރިހާ މެޖިސްޓްރޭޓް ކޯޓުތައް ކޮންޓްރޯލްކުރި ގޮތް. ބަރާބަރަށް ސިޔާސީ މީހުންނަށް މައްސަލަތަކަށް ވާނުވާ އެނގޭނެ ހިސާނުމެންގެ ދައުރުން ފެށިގެން،" https://www.sun.mv/214802 އެއީ ކަން ހިނގާފައިވާ ގޮތުގެ ކުޑަ މިންވަރެކެވެ. އެހެންކަމުން، މިއަދު މަގުމައްޗަށް ނުކުމެ ސަރުކާރަށް 12 ޑިމާންޑެއް ހުށަހަޅައި، އޭގެ ތެރޭގައި ޖޭއެސްސީ އިސްލާހުކުރަން ގޮވާލުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ނޫން ދެވަނަ ކަމެއް ނޫނެވެ. މި ސަރުކާރުގެ ވެސް އަމަލާއި ބަސް ދިމާނުވުން މިހާރު އޮތް ޕީއެންސީގެ ސަރުކާރުން ވެސް ވެރިކަމަށް އައީ ހަމަ މި ވައުދާ އެކުގައެވެ. ރައީސް މުޢިއްޒު ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މި ސަރުކާރަށް ވެސް ރައްޔިތުން ވަނީ 20 ވަނަ މަޖިލީހުގެ 70 އަށްވުރެ ގިނަ ގޮނޑިއާ އެކު ބޮޑު ސުޕަމެޖޯރިޓީއެއް ދީފައެވެ. ސަރުކާރުން ބޭނުންވާ ކަންކަން ކުރުމުގައި މަޖިލީހުގެ ތެރެއިން އާދަޔާޚިލާފު ހަލުވިކަމެއް ދަނީ ދައްކަމުންނެވެ. ރައީސް އެންގެވިހާ ކަމެއް, އެންމެ ދެތިން ގަޑިއިރުގެ ތެރޭގައި ޤާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ފާސްކުރިއިރު، ޖޭއެސްސީ އިސްލާހުކުރުމުގެ ބިލު އަދިވެސް އޮތީ ވަތްގަނޑުގައެވެ. ބަންޑާރަނައިބު އަޙްމަދު އުޝާމް އެކަން ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ސަރުކާރުގެ އަމަލުތަކުން ފެންނަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ދޮރު ބަންދުކުރަން ބޭނުންނުވާ މަންޒަރެވެ. ބޭނުންވީމާ ކުއްލިއަކަށް ޤާނޫނުއަސާސީ ބަދަލުކުރެވޭއިރު، ޖޭއެސްސީ މިނިވަންކުރުން ލަސްވުމަކީ ސީދާ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެކެވެ. އިދިކޮޅުގައި ތިބިއިރު އެންމެ ބާރަށް ދެއްކި ވާހަކަ މިއަދު ވަނީ ހަނދާންނެތިފައެވެ. https://www.sun.mv/214430 ސިޔާސީ ޕާޓީތަކުން ޖޭއެސްސީއާ މެދު ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ދިވެހި ރައްޔިތުންނަށާއި އިންސާފުވެރި ޝަރުއީ ނިޒާމަކަށެވެ. ޖޭއެސްސީ މިނިވަން ނުކުރަނީ ސީދާ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. މިއީ ސިޔާސީ މީހުން ދައްކާ ވާހަކައާއިވާ ވައުދުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތްކަން ސާބިތުވާ އެންމެ އަލިގަދަ ހެއްކެވެ. މިހާރު ރައްޔިތުން ބަލަން ބޭނުންވަނީ ބަހަނާތަކެއް ނޫނެވެ. ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ ބިލު ފާސްކޮށް، ސިޔާސީ މީހުން އެ ކޮމިޝަނުން ބޭރުކުރާނެ ސީދާ ތާރީޚެކެވެ. އެ ބިލު މަޖިލީހަށް ހުށަހަޅައި ފާސްކުރާ ދުވަހަކީ ސިޔާސީ އިހުލާސްތެރިކަން ވަޒަންކުރެވޭނެ ހަގީގީ މިންގަނޑެވެ. އެކަން ނުކުރާހާ ހިނދަކު، ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކައަކީ ހަމައެކަނި ވެރިކަން ހޯދަން ދައްކާ ދަޅައެއްގެ ގޮތުގައި އޮންނާނެއެވެ. ޝަރުއީ ދާއިރާއޭ, ޖޭއެސްސީއޭ ބުނެ, އެމްޑީޕީން ސަރުކާރަށް ޑިމާންޑްކުރާއިރު އެއީ ހަމަ ބޮޑު ޖޯކެކެވެ. ދިވެހީންނަކީ ހަނދާން ބަލި ބައެއް ކަމަށް ދެކި, އެ ބޭފުޅުން އަމަލުކުރެއްވި ގޮތް ރައްޔިތުން ހަނދާން ނުހުންނާނެ ކަމަށް ގަބޫލުކުރުމަކީ ވެސް ގޯހެކެވެ. އެ ދުވަހު ނުކުރި ކަމެއް މިއަދު ކުރަން ތި ގޮވާލަނީ ހެޔޮ ނިޔަތެއް އޮވެގެނެއް ނޫނެވެ. އަނެއްކާ ވެސް ވެރިކަން ލިބިއްޖެނަމަ އެކަން ނުކުރާނެކަން މާޒީން އެ އޮތީ ފެންނާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ