ކެމްޕޭން ފަޅުފިލުވާލީ ރީތި ފޮންޓުތަކުން، އެކަމަކު އަގު ދައްކާކަށް ބޭނުމެއް ނުވި

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ޕޯސްޓަރުތަކުން އެއްކަމެއް ފާހަގަވި އެވެ. އެކިވަރުވަރުގެ، އެކި ގޮތްގޮތަށް ލިޔެފައިވާ ދިވެހި ފޮންޓުތަކެވެ. އެކަމަކު ހަގީގަތަކީ އޭގެތެރެއިން ގިނަ ފޮންޓުތައް ބޭނުންކޮށްފައި ހުރީ އޭގެ ވެރިފަރާތުގެ ހުއްދައާ ނުލާކަމެވެ.
ރީތި ދިވެހި ފޮންޓެއް މިހާރު އެންމެ ފަސޭހައިން އަތުޖެހޭނެ މާކެޓްޕްލޭސްއަކީ އަކުރުޓައިޕެވެ. އަމިއްލަ ބޭނުންތަކަށް ރީތި ފޮންޓުތައް އެތަނުން ލިބެން ހުރި ނަމަވެސް، ވިޔަފާރީގެ ބޭނުމަށް ނުވަތަ ޕްރޮމޯޝަންތަކަށް އެތަނުގެ ފޮންޓުތައް ޖެހޭނީ ގަންނާށެވެ. އެކަމަކު އަކުރުޓައިޕްގެ ގިނަ ފޮންޓުތަކެއް، ކެމްޕޭން ޕޯސްޓަރުތަކުން ފެނުނު އިރު އެއަށް އަގުދެއްކީ މަދުބައެކެވެ.
ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ގިނަ ކެންޑިޑޭޓުން ވެސް އެކަން ކުރީ ގަވައިދާހިލާފަށެވެ.
މަގުމަތިންނާއި ސޯޝަލް މީޑިއާތަކުން އަކުރުފޮންޓަށް މި ފަދަ 173 ކޭސްއެއް ފާހަގަވި އެވެ. އެ ތަފާސްހިސާބުތަކަށް ބަލާއިރު:
126 މީހުން ފޮންޓު ބޭނުން ކުރީ ހުއްދަ ނުނަގާ
ހުއްދައާ އެކު ފޮންޓު ބޭނުން ކުރީ ފަސް މީހުން
ސަމާލުކަމަށް ގެނައުމުން، ބައެއް މީހުން އަގުދެއްކި
މި ތަފާސްހިސާބުތަކަށް ބަލާއިރު އެމްޑީޕީގެ 85 ކެންޑިޑޭޓުންނާއި ޕީއެންސީގެ 74 ކެންޑިޑޭޓުން ފަރާތުން މި މައްސަލަ ފެންމަތިވި އެވެ.
"މިއުޅެނީ ހަމައެކަނި ކޮޕީރައިޓަށް ހޭލުންތެރިނުވުމުގެ މައްސަލަ އެކަންޏެއް ނޫން. މީގެން ދައްކައިދޭ އާޓިސްޓުންނަށް އިހްތިރާމް ނުކުރުން ވެސް،" އަކުރުޓައިޕްގެ އޮފިޝަލަކު ބުންޏެވެ.
ފޮންޓުތަކަށް އަގު ނުދައްކާ ބޭނުންކުރާތީ، އަކުރުޓައިޕުން ވަކިވަކިން އެ ބޭނުންކުރި މީހުންނާ ގުޅި އެވެ. އެކަމަކު އޭގެތެރެއިން ބައެއް މީހުން، 'އެއީ ގަންނަން ޖެހޭ އެއްޗެއް ކަމެއް ނޭނގޭ ކަމަށް' ބުނެ ޖަވާބުދިން އިރު، 'އެ ގަންނާކަށް ނުޖެހޭނެ'އޭ ކިޔައިގެން ޒުވާބު ކުރި މީހުން ވެސް އުޅެ އެވެ. އަނެއް ބަޔަކު ލާރި ބޭނުން ނަމަ ކޯޓަށް ދިޔުމަށް ވެސް އެދުނެވެ.
އަކުރުޓައިޕުން ބުނިގޮތުގައި ބައެއް ކެންޑިޑޭޓުން، އެތަނުގެ ފޮންޓުތައް އޭއައިގެ ޒަރީއާއިން ޓްރޭސް ނުވަތަ ކޮޕީކޮށްގެން ވެސް ބޭނުން ކުރި އެވެ. އެހެންވެ، އެއަށް އަގުދައްކަން އެ މީހުން ދެކޮޅު ހަދަ އެވެ. އެ މީހުންގެ ރައުޔަކަށްވީ، ފޮންޓު ވެބްސައިޓުން ކޮޕީކޮށްފައި، އަތުގައި ނުބާއްވާނަމަ އެއަށް އަގު ދައްކަން ނުޖެހޭނެ ކަމަށެވެ.
ކެމްޕޭންގައި ބޭނުން ކުރި އަކުރުޓައިޕުގެ ފޮންޓުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ބޭނުން ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުލިޔުމުގެ ފޮންޓު، 'މައުމޫން' އެވެ. އަމިއްލަ ބޭނުންތަކަށް އެ ފޮންޓު އަކުރުފޮންޓުން ޑައުންލޯޑް ކުރެވެން އޮތް ނަމަވެސް، ވިޔަފާރި އަދި ޕްރޮމޯޝަންތަކަށް އެ ފޮންޓު ޖެހެނީ 3،000 ރުފިޔާއަށް ގަންނާށެވެ. ކެމްޕޭންގައި 85 ބަޔަކު އެ ފޮންޓު ބޭނުން ކުރި ނަމަވެސް އެއަށް އަގުދެއްކީ އެންމެ %15 މީހުންނެވެ.
ދެން އެންމެ ގިނަ ބަޔަކު ބޭނުން ކުރީ ދިވެހި ޓައިޕް ފައުންޑަރީގެ 'މަލަސް' އާއި ހުސެން ވަހީދުގެ 'ރޯނު' ފޮންޓެވެ. މިއީ ވިއްކާ ދެ ފޮންޓު ނަމަވެސް ގަނެގެން އެ ބޭނުން ކުރީ މަދު ބައެކެވެ.
ލައިސަންސް ނުނަގައި ފޮންޓު ބޭނުން ކުރާ މައްސަލަ މިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގައި ވެސް ފެންމަތިވި އެވެ. އެކަމަކު އަކުރުޓައިޕުން ބުނިގޮތުގައި ކައުންސިލް އިންތިހާބުގައި އެ ނިސްބަތް ދެގުނަ އިތުރެވެ.
"ހަމައެކަނި ކެމްޕޭންތަކެއް ނޫން. ބޮޑެތި ކުންފުނިތަކާއި މިނިސްޓްރީތަކުން ވެސް އަގު ނުނަގާ އެބަ ބޭނުން ކުރޭ ފޮންޓު. މީގެ ތެރެއިން ބައެއް ކުންފުނިތައް އަޅުގަނޑުމެން ވާނީ ޖޫރިމަނާ ވެސް ކޮށްފައި،" އޮފިޝަލް ބުންޏެވެ.
މި މައްސަލަ ފެންމަތިވުމުން، ބައެއް މީހުން ގުޅައި އަގު ދެއްކި ކަމަށް އޭނާ ބުންޏެވެ. އެކަމަކު އަކުރުޓައިޕް މާކެޓްޕްލޭސް ބޭނުންކުރާ ޓައިޕް ޑިޒައިނަރުންގެ ހައްގުތަކާއި ފިކުރީ މުދާ ރައްކާތެރި ކުރުމަށް، އަގު ނުދައްކާ މީހުންގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ވިސްނުން ހުރި ކަމަށް ވެސް އެތަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ