ތިން އަހަރަށްފަހު ގައުމީ ސްކޮޑަށް ދަގަނޑޭ
އަނިޔާގެ ސަބަބުން ތިން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގަ ހުރުމަށްފަހު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ސްކޮޑުގައި ހިމެނިއްޖެއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ދަގަނޑޭގެ ރިލީޒްއަށް އެދި އެފްއޭއެމުން ވަނީ އެ ކުލަބަށް ރަސްމީކޮށް ހުށައަޅާފައެވެ. ދަގަނޑޭގެ އިތުރުން މިފަހަރު ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިން ހިމެނޭ ކުލަބުތަކަށް ވަނީ އެފްއޭއެމުން ރިލީޒަށް އެދިފައެވެ. ގައުމީ ފުޓުބޯޅަ ޓީމު ތައްޔާރުވަނީ މިމަހުގެ 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އުމުރުން 40 އަހަރުގެ ދަގަނޑޭ މިހާރު ކުޅެމުން އަންނަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށެވެ. މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ އެޓީމުގައި މޮޅު ކުޅުމެއް ކުޅެފައެވެ. އެންމެފަހުން ދަގަނޑޭ ގައުމީ ސްކޮޑުގައި ހިމެނުނީ 2023 ވަނަ އަހަރު ލ. އަތޮޅު ޒޯން ސްޓޭޑިއަމުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. ގައުމީ ސްކޮޑުން ދަގަނޑޭއަށް ޖާގަ ލިބުމާއި ގުޅިގެން ނިއު ރޭޑިއަންޓުން ވަނީ ޕޯސްޓެއް ކޮށްފައެވެ. އެގޮތުން މި ޕޯސްޓުގައި ކުލަބުން ވަނީ ދަގަނޑޭ ގައުމީ ސްކޮޑަށް ހޮވުމާއެކު މަރުހަބާކިޔާފައެވެ. "މިއަދަކީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ސަޕޯޓަރުންނަށް ވަރަށް އުފާވެރި ދުވަހެއް. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، އަޅުގަނޑުމެންގެ ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި، އަލީ އަޝްފާގު އަނެއްކާވެސް ގައުމީ ޖާޒީގައި ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ނިއުގެ ޕޯސްޓުގައިވެއެވެ. މީގެއިތުރުން ދަގަނޑޭ އެނބުރި ގައުމީ ޓީމަށް އައުމަކީ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރެއްގެ ގޮތުގައިވެސް ނިއުއިން ފާހަގަކުރެއެވެ. "ދަގަނޑޭއަކީ ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު. އޭނާގެ ހުނަރާއި، ދަނޑުމަތީގައި ދައްކާ ހިތްވަރަކީ މުޅި ގައުމު ފަޚުރުވެރިވާ ކަންކަން. ގައުމީ ޓީމަށް އޭނާ އެނބުރި އައުމަކީ ޓީމުގެ ރޫހު ވަރުގަދަވެ، ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. މި ފުރުސަތުގައި ދަގަނޑޭއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔަން" ނިއުގެ ޕޯސްޓުގައިވެއެވެ. ޓިމޯ ލެސްޓޭ މެޗަށް ގައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ