ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ނޮކައުޓް ބުރުގައި ބްރެޒިލުން ކުޅޭ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެން ފަސޭހަ ވިސްނުމެއްގައި މެޗަށް ނުކުމެއްޖެނަމަ، ބްރެޒިލަށް ދެރައެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކެޕްޓަން، މާކީނިއޯސް ބުނެފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލުން ދެ ގޯލު ޖަހާފައި ވަނިކޮށް ޖަޕާނުން ވަނީ ފަހަތުން އަރައި 3-2 އިން މޮޅުވެފަ އެެވެ. މިރޭ، ވޯލްޑް ކަޕްގައި މި ދެ ޓީމުން ވާދަކުރާ މެޗުގެ ކުރިން އެންމެ ގިނަ ބަޔަކު ދައްކަނީ އެ މެޗުގެ ވާހަކަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ މެޗާ ގުޅުވާފައި ކުޅުންތެރިންނާއި ކޯޗުންނާ ވެސް ސުވާލުތައް ކުރިމަތިކުރުވި އެވެ.
"އެއީ އަހަރެމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވި މެޗެއް. އެ މެޗުން ހާމަވެގެންދިޔަ މިދިޔަ އަހަރުތަކުގައި ބްރެޒިލުން އިންޓަނޭޝަނަލް ފުޓްބޯޅައިގަައި އޮތް ގޮތް. މި ވޯލްޑް ކަޕާ ހަމައަށް އަހަރެމެންނަށް ގިނަ ޓެސްޓްތަކެއް ކުރިމަތިވެއްޖެ. ކޯޗު (އަންޗެލޮޓީ) މިހާރު އޮތް ބްރެޒިލް ޓީމަށް އެންމެ ރަނގަޅު ގޮތްތައް އެ ދަނީ ބަލަމުން. އަހަންނަށް އެއްވެސް އިރެއްގައި ބްރެޒިލް މެޗުތައް ބަލަން ދަނޑު ބޭރުގައި އިންނަން ފަސޭހައެއް ނޫން،" މާކީނިއޯސް ބުންޏެވެ.
މާކީނިއޯސް ބުނީ، ޖަޕާނަކީ ޓީމެއްގެ ގޮތުގައި ވަރަށް ވިސްނުންތެރިކަމާ އެކު ތަފާތު ދައްކާ ޓީމެއްކަން އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި މެޗުގައި ވެސް ހާމަވެގެން ދިޔަ ކަމަށެވެ. ހަމަ އެ ގޮތަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ސްކޮޓްލެންޑް އަތުން 3-0 އިން މޮޅުވިއިރު، ބްރެޒިލަށް ވެސް ޓީމެއްގެ ގޮތުގައި ތަފާތު ދެއްކިދާނެކަން އެނގިގެންދިޔަ ކަަމަށް މާކީނިއޯސް ދެކެ އެވެ.
"މިހާރު މި އޮތީ މުޅިން ހާލަތު ބަދަލުވެފައި. އަހަރެމެން. މިހާރު މި ތިބީ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި. މިއީ، މުޅިން އާ މުބާރާތެއް،" މާކީނިއޯސް ބުންޏެވެ. "ޖަޕާނަކީ ފަސޭހަ ޓީމެއް ނޫން، ރަނގަޅަށް ވިސްނުން ނުބަހައްޓައިފިއްޔާ ދެރައެއް ލިބިދާނެ،"
އޭނާ ބުނީ މިދިޔަ ދުވަސްތައް ހޭދަކުރީ ޖަޕާން ޓީމު ދިރާސާ ކުރުމުގައި ކަމަށެވެ. އަދި، ވިސްނުންތެރިކަމާ އެކު އެ މެޗަށް ތައްޔާރުވަނީ ޖަޕާންގެ ރަނގަޅު ކަންކަން ދަނެގެން، ބްރެޒިލްގެ ހުރި ކޮލިޓީގެ ބޭނުންހިފޭނެ ގޮތަށް މެޗުން މޮޅުވުމަށް ކަމަށް މާކީނިއޯސް ވަނީ ބުނެފަ އެވެ.
ގްރޫޕް ސްޓޭޖުގައި ހިނގައިދިޔަ ހުރިހާ ކަމެއް މިހާރު އެއީ މާޒީ ކަމަށާއި ނޮކައުޓް މެޗަކަށް ވާން ޖެހޭ ހުރިހާ ގޮތަކަށް ތައްޔާރުވެގެން ޖަޕާން މެޗު ފަސޭހަކޮށް ނުނަގައި މޮޅުވާން އަމާޒުހިފަން ޖެހޭ ކަމަށް މާކީނިއޯސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
"އަހަރެމެންގެ އެންމެ. މޮޅު ކުޅުން ދައްކައި، ނަތީޖާ ނެރެން ބޭނުން،" މާކީނިއޯސް ބުންޏެވެ.
ފަސް ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2002 ވަނަ އަހަރު އެވެ. . ބްެރެޒިލާ ދެކޮޅަށް ކުޅޭއިރު ޖަޕާން ވަނީ ބަލިނުވެ ޖެހިޖެހިގެން 10 މެޗު ހަމަކޮށްފަ އެެވެ. އެކަމަކު، ބްރެޒިލާ ދެކޮޅަށް މިހާތަނަށް ޖަޕާން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެގާރަ މެޗުން ބްރެޒިލް މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިރޭ ބްރެޒިލުން ޖަޕާނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 10 ޖަހާއިރު އެވެ
ޖަޕާން ފަސޭހަކޮށް ނަގައިފިއްޔާ ބްރެޒިލަށް ދެރައެއް ލިބިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ