ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ގައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފައި އޮތް ނަމަވެސް، މިއަހަރު ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް އޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ ވަނީ އެ ހުކުމަކީ ގައިރު ގާނޫނީ، ގާނޫނުއަސާސީއާ ހިލާފު އަދި ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ހުކުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އިންޑިއާގެ އެންޑީޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ހަސީނާ ވިދާޅުވީ، ކޮންމެ ފަދަ ނުރައްކަލަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، އެނބުރި ގައުމަށް ވަޑައިގަތުމަށް އަޒުމް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އޮގަސްޓް 2024ގައި ދަރިވަރުން އިސްވެ ކުރި މުޒާހަރާތަކާ ގުޅިގެން ވެރިކަން ވެއްޓުމުން އޭނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަންނަވާފަ އެވެ.
"އަޅުގަނޑު ސާފުކޮށް ބުނަން ބޭނުންވަނީ، ކޮންމެ ހުރަހަކާއި ކޮންމެ ރޭވުމެއް ފަހަނައަޅައި، މިއަހަރު ތެރޭގައި އަޅުގަނޑު އަނބުރާ ގައުމަށް ދާނަން،" ހަސީނާ ވިދާޅުވި އެވެ.
މިއީ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ތާރީހެއް އޭނާ އާންމުކޮށް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.
ހަމަނުޖެހުންތަކުގެ ތެރޭގައި މީހުން މެރުމަށް ހިތްވަރުދީ އަމުރުކުރުމާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އިހުމާލުވި ކަމުގެ ކުށުގައި، ފާއިތުވި ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ. ނަމަވެސް އޭނާ ވަނީ އެ ހުކުމް ގަބޫލުނުކުރައްވައި ބަންގްލަދޭޝްގެ އަދުލު އިންސާފުގެ ނިޒާމަކީ އަވާމީ ލީގުގެ ލީޑަޝިޕް ނައްތާލުމަށް ބޭނުންކުރާ ސިޔާސީ ބަދަލުހިފުމުގެ ހަތިޔާރެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"އަޅުގަނޑު މަރަކަށް ބިރެއް ނުގަނޭ،" ހަސީނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އޭނާގެ ޕާޓީ ރޫޅާލުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށާއި މިފަހަރު ވެސް ވާނީ އެހެން ކަމަށް ވިދާޅުވި އެވެ.
ހަސީނާ ވިދާޅުވި ގޮތުގައި، އެނބުރި ވަޑައިގަތުމަށް ނިންމެވީ އަމިއްލަ އެދުމެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް ބޭނުންވަނީ ޑިމޮކްރަސީ އާއި ގާނޫނީ ސިޔާދަތު އަދި 1971ގެ މިނިވަންކަމުގެ ހަނގުރާމައިގެ އަސާސްތައް އަލުން އިއާދަކުރުމެވެ. މީގެ އިތުރުން، ބޮޑުވަޒީރު ތާރިގް ރަހުމާންގެ ސަރުކާރުން އަވާމީ ލީގު މަނާކުރި ކުރުން އުވާލައި ޕާޓީގެ ލީޑަރުންގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާތައް އަނބުރާ ގެންދިއުމަށާއި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އޭނާ ގޮވާލެއްވި އެވެ.
"އަވާމީ ލީގަކީ ހަމައެކަނި ކަރުދާހުގައި އޮތް ޖަމާއަތެއް ނޫން. އެއީ ބަންގާޅުގެ ފަސްގަނޑަށް މޫލާފައިވާ ވަރުގަދަ ސިޔާސީ ބާރެއް،" އޭނާ ވިދާޅުވި އެވެ.
މި އަހަރު އެނބުރި ބަންގްލަދޭޝްއަށް ދާނަން: ހަސީނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ