މިދިޔަ ހަފުތާގައި އީސީއަށް އައްޔަންކުރި ޝަކީލް އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ފޮނުވައިފި
މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް އަލުން އައްޔަންކުރި މުޙައްމަދު ޝަކީލް، އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރުހުން ހޯދަން ފޮނުވައިފިއެވެ. ޝަކީލް އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ އިއްވީ މިއަދެވެ. އޭނާގެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުންދިނީ މިދިޔަ އަންގާރަ ދުވަހެވެ. https://sun.mv/223811 ގައުމީ ބޭންކު ބީއެމްއެލްގައި ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމް ފުރުއްވި ޝަކީލް، އެ ކޮމިޝަންގެ މެންބަރުކަމަށް ފުރަތަމަ އައްޔަންކުރީ ޑިސެންބަރު ތިނެއް، 2014ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މެއި ނުވައެއް، 2018ގައެވެ. އޭގެ ފަހުން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވިއެވެ. އެންމެ ފަހުން ޝަކީލް ހުންނެވީ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުންދިނުމުން، މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ