މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން އަހުލުވެރިކުރުވުމަށް ރަށްރަށުގައި ތަމްރީން ޕްރޮގްރާމުތަކެއް ފަށަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރަށު ކައުންސިލްތަކާ ގުޅިގެން، މަސްވެރިކަމުގައި ސިނާއަތުގައި ހަރަކާތްތެރުވަމުން އަންނަ މީހުންނާއި އެ ކަމަށް ޝައުގުވެރިވާ މީހުންނަށް އަމާޒުކޮށްގެން ޕްރޮގްރާމުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވައި މަހާއި މަހުގެ އަގުހުރި އުފެއްދުންތައް އިތުރުކުރުމާއި އިތުރު މާކެޓްތައް ހޯދުމާއި އާ މަސްވެރިކަން ތައާރަފުކޮށް އެކަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މަސްވެރި ސިނާއަތުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް ރަށު ފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށް ވުރެ ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރުމާއި އާބާވަތްތައް ތައްޔާރުކުރުމަށް މި ޕްރޮގްރާމްގައި ތަމްރީން ދޭނެ އެވެ.
މިނިސްޓްރީން ބުނީ މިއަހަރުގެ ތެރޭގައި، ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނާއި ވެލިއު-އެޑެޑް މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީނުތަކެއް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަަމަށެވެ.
އެ ތަމްރީނުތައް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލުތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، އެ ރަށެއްގައި ކުރިއަށް ގެންދިނުމަށް ޝައުގުވެރިވާ ތަމްރީނު ފާހަގަކޮށް، އެ މިނިސްޓްރީއަށް ސިޓީއަކުން އަންގައިދިނުމަށް ވެސް ފިޝަރީޒް މިނިސްޓްރީން އެދިފައިވެ އެވެ.
މަސްވެެރިކަމަށް ޒުވާނުން އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދަން ނިންމާފައި މި ވަނީ ފެނަކަ ފަދަ ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ދިނުމުގެ ސަބަބުން މަސްވެރިކަން ދޫކޮށްލި ޒުވާނުން ގިނަވުމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ.
މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކުރަން ތަމްރީން ޕްރޮގްރާމްތަކެއް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ