ޕޭޕަލްގެ ޚިދުމަތާ 3،280 ފަރާތަކުން ގުޅިއްޖެ: ރައީސް

ރާއްޖެއަށް އަލަށް ތަޢާރަފުކުރި ޕޭޕަލްގެ ޚިދުމަތާ 3280 ފަރާތަކުން ގުޅިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ޕޭޕަލް ތަޢާރަފުކުރުމާ ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕޭޕަލްގެ ޚިދުމަތް ރާއްޖެ ގެނައުމަކީ ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުނުވެ އޮތް ކަމެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން ކުރެއްވި މަސައްކަތުން މިއަދު އެކަން ކާމިޔާބު ކުރެވިފައިވާ ކަމަށާއި ދެން މަސައްކަތް ކުރައްވާނީ އެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ. މިހާތަނަށް 3،280 ފަރާތަކުން އެ ޚިދުމަތުގައި ބައިވެރިވުމަށް އެކައުންޓު ލިންކުކޮށްފައިވާއިރު 2،159 ފަރާތަކުން ވޮލެޓް އެކްޓިވޭޓްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހަގީގަތުގައި ރާއްޖޭގެ މައިކްރޯ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑުކުރިއެރުމެއް ލިބޭކަމެއް ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އެއްޗަކީ ޕޭޕަލް ކަމަށްވާއިރު މިކަން ރާއްޖެއަށް ތަޢާރަފުވެގެން ދިޔުމަކީ. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ އިތުރު ކުރިއެރުންތައް ހޯދަމުން މީގެ ތެރެއިން. ޕޭޕަލްއާ ގުޅިގެން، އުރީދުއާ ގުޅިގެން، އަޅުގަނޑުމެން ގެންދާނީ އިތުރު ކަންކަން ތަޢާރަފުކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރި މި މަހުގެ 15ވަނަ ދުވަހުއެވެ. ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތާޢަރްފްކުރުމާއި، މާލީ މުޢާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދޭންފެށީ ޕޭޕަލްއާއި އުރީދޫ އާ ދެމެދު ޤާއިމުކޮށްފައިވާ ސީމްލަސް އިންޓަގްރޭޝަންގެ ތެރެއިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރުމާއެކު މިހާރު ރާއްޖެ ހިމެނިގެން ދަނީ މި ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިޤްޠިޞާދުތަކުގެ ލިސްޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ