ދައުރު ނިމުމުގެ ކުރިން ދިރިއުޅެވޭވަރަށް ހައުސިން މަޝްރޫއުތަކެއް ނިންމާނަން : ރައީސް

މީގެ ކުރިން ވެރިކަމުގެ ދައުރެއްގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމައި، އެތަންތަނަށް މީހުން ވެއްދިފައި ނުވާ އާދަ ބަދަލުކޮށް، މި ދައުރުގެ ތެރޭގައި މި ސަރުކާރުގެ މަޝްރޫއުތައް ނިންމައި މީހުން ވައްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2028 ވަނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު މަޝްރޫއުތަކުގެ ބޮޑު އިންސައްތައެއް ނިންމާލެވޭނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިނޭންސްގެ ދަށުން ރާއްޖޭގެ 13 ރަށެއްގައި ހިންގާ ހައުސިން މަޝްރޫއުތަކުގެ އެޑްވާންސް ޕޭމަންޓް ހަމަޖެހި، އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ކުރިއަށްދާ މަޝްރޫއުތަކުގެ ފައުންޑޭޝަން އެޅުމުގެ ކޮންކްރީޓް މަސައްކަތްތައް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްްކަތް ކުރަނީ މި ސަރުކާރުން މީގެ ކުރިން ނުވެ އޮތް ކަމެއް ކުރަން، އެއީ މީގެ ކުރިން، އެއްވެސް ސަރުކާރަކަށް ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިން ޕްރޮޖެކްޓްތައް ނިންމައި، އެ ފްލެޓްތަކަށް ނޫނީ އެ ހައުސިން ޔުނިޓްތަކަށް މީހުން ވެއްދިފައެއް ނެތް... މި ބަލަނީ އެކަން ބަދަލު ކުރެވޭތޯ،" ރައީސް ވިދާޅުވިއެވެ.
ހައުސިން މަޝްރޫއުތައް ހަލުވިކުރުމަށްޓަކައި އާ ފައިނޭންޝިއަލް މޮޑެލްތަކެއް ތައާރަފްކޮށް، ކުންފުނިތަކާއެކު އެގްރީމެންޓްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދާއިރާއިން އިންޑިއާ އާއި ޗައިނާއާ އެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތްތަކުން ބޮޑު ކުރިއެރުމެއް ފެންނާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް މި ދައުރުގެ ތެރޭގައި ގޯތި ހަވާލުކޮށް، އެތަންތަނުގައި ދިރިއުޅެވޭނެ އިންތިޒާމުތައް މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ހަމައެއާއެކު، ކުރީ ސަރުކާރުން ފަށާފައިވާ ފްލެޓާއި ގޯތި ދިނުމުގެ މަސައްކަތްތައްވެސް ނިމެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ހައުސިން ވައުދު ފުއްދުމަށް ކަމަށް ފާހަގަކުރައްވައި، އެފޯޑަބަލް ހައުސިން ލޯން ސްކީމްތައް މިއަހަރުވެސް ހުޅުވާލާނެ ކަމަށާއި، ހައުސިން ޓްރަސްޓް ފަންޑު ބޮޑުކޮށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ