ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ކޮމިޓީން ފާސްކޮށްފި

ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ޤާނޫނަށް ހުށަހެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ޤާނޫނު މިހާރު އޮތްގޮތުން ސިނގިރޭޓަކުން ނަގަނީ 8 ރުފިޔާގެ ޑިއުޓީއެވެ. ނަމަވެސް، ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވާފައިވަނީ އެ އަދަދު 4 ރުފިޔާއަށް ކުޑަކުރުމަށެވެ. އެއާއެކު، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށްވެސް ސަރުކާރުން ވަނީ އިޞްލާޙު ހުށަހަޅުއްވާފައެވެ.
މީގެއިތުރުން، ޤާނޫނުގެ 7 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙުގައި ދުންފަތުގެ ތިން ބާވަތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، ސިނގިރޭޓުގެ އިތުރުން ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ހުށަހަޅުއްވާފައިވެއެވެ.
ބިލުގައި ފާހަގަކުރައްވާފައިވާގޮތުގައި މި އިޞްލާޙާއެކު މިއަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާ ކުރި އާމްދަނީ ދަށްވާނެއެވެ. އެގޮތުން، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އިޞްލާޙުތައް ގެނެސްފިނަމަ، އަންދާޒާކުރި އަދަދާ އަޅާބަލާއިރު 21 މިލިޔަން ރުފިޔާ ދަށްވާނެކަމަށް ފާހަގަކުރައްވާފައިއެވެ.
ބިލަށް ބައެއް ބަދަލުތައް ގެންނަން ގެންނަން ޖެހޭ ކަމަށް ބަހުސްގައި މެންބަރުން ވިދާޅުވި ނަމަވެސް، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ބިލަށް އިތުރު އިޞްލާޙެއް ނުގެނެސް، އޮތްގޮތަށް ބިލު ފާސްކުރުމަށެވެ. އެގޮތުން، މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ