އެޕަލްގެ ސްމާޓް އައިނު ނެރުން 2027ގެ ނިޔަލަށް ލަސްވެދާނެ: ރިޕޯޓް

އެޕަލް ކުންފުނިން އުފައްދާ ފުރަތަމަ ސްމާޓް އައިނު ބާޒާރަށް ނެރުން ކުރިން ލަފާކުރި ވަރަށް ވުރެ ލަސްވެދާނެ ކަމަށް ބްލޫމްބާގްގެ ޚަބަރުތައް ބުނެފިއެވެ. މި އައިނު މިއަހަރުގެ ފަހުކޮޅު ދައްކާލުމަށް ފަހު 2027 ގެ ކުރީކޮޅު ޝިޕްމަންޓްތައް ފަށާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން މި އުފެއްދުން ފެންނާނީ އަންނަ އަހަރުގެ ނިޔަލަށެވެ. މި ލަސްވުމުގެ ސަބަބުން، ސްމާޓް އައިނުގެ ބާޒާރުގައި ކުރިއެކޭ ވެސް އެއްގޮތަށް މެޓާ ކުންފުންޏަށް އެ މީހުންގެ މަޤާމު ވަރުގަދަކޮށް ހިފެހެއްޓުމަށް އިތުރު ފުރުސަތެއް ލިބިގެންދާނެއެވެ. މެޓާއިން ވަނީ އެ މީހުންގެ އާ ސްމާޓް އައިނު ދާދިފަހުން ދުނިޔޭގެ ބާޒާރަށް ނެރެފައެވެ. މެޓާގެ އައިނުގައި އޭއައި މޮޑެލްއަކާއި 12 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެއެވެ. ނަމަވެސް އެޕަލްގެ އައިނު ނެރުމުން އެމީހުންގެ އައިފޯނު ބޭނުންކުރާ ގިނަ ކަސްޓަމަރުން އެޕަލްގެ އުފެއްދުމަށް ޝައުގުވެރިވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އެޕަލްގެ އައިނު އައިފޯނާ މާ ފަސޭހައިން ގުޅާލެވޭނެތީއެވެ. އަގުގެ ގޮތުން ބަލާއިރު މެޓާގެ ސްމާޓް އައިނުގެ އަގު ފެށެނީ 299 ޑޮލަރުންނެވެ. އެހެންނަމަވެސް އެޕަލްގެ ފުރަތަމަ ސްމާޓް އައިނުގެ އަގު މިވަރުގެ ހެޔޮ އަގަކަށް ވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ. މެޓާގެ އައިނުތަކަށް ދަނީ ބޮޑު ތަރުޙީބެއް ލިބެމުން --- ފޮޓޯ: މެޓާ ސްމާޓް އައިނުގެ ބާޒާރުގައި އެޕަލްގެ ވާދަވެރި މެޓާ ކުންފުނިން ކުރިހޯދާފައިވަނީ މަޝްހޫރު އައިވެއާ ބްރޭންޑްތައް ކަމަށްވާ ރޭބަން، ޕްރާޑާ އަދި އޯކްލީ ފަދަ ބްރޭންޑްތައް ހިމެނޭ އެސިލޯރލުޒޮޓިކާ ކުންފުންޏާއެކު ވެފައިވާ ވަރުގަދަ ޕާޓްނަޝިޕްތަކުގެ އެހީގައެވެ. މެޓާ އިން ދާދިފަހުން ނެރުނު އައިނުގައި 20 ބަހަކުން ވަގުތުން ތަރުޖަމާކޮށްދޭ އޭއައި މޮޑެލްއެއްގެ އިތުރުން 100 ޑިގްރީގެ ވިއުއިންގް އޭންގަލްއެއް ލިބޭ ކެމެރާއެއް ހިމެނޭއިރު، އެޕަލް އިން އަންނަނީ އެމީހުންގެ އައިނު ބާޒާރަށް ނެރުމުގެ ކުރިންވެސް އައިއޯއެސް ސިސްޓަމްގެ ތެރެއިން މެޓާ އައިނުގެ ބައެއް ޚިދުމަތްތަކަށް ހުރަސްއަޅަމުންނެވެ. ޓެކްނޮލޮޖީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި އެޕަލްގެ އަމިއްލަ އުފެއްދުމެއް ބާޒާރަށް ނިކުތުމުން، އައިފޯނު ގެންގުޅޭ ކަސްޓަމަރުން މެޓާގެ އުފެއްދުންތަކަށް ޝައުޤުވެރިވުން މިއަށްވުރެ ވެސް ބޮޑަށް ހީނަރުވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ