މަދަނީ ޖަމިއްޔާތަކުގެ ގްރާންޓް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޞިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާ ގުޅިގެން ކުރިއަށްގެންދާ ”ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް“ (އެސް.ޖީ.އައި.އައި) މަޝްރޫޢުގެ ދަށުން، މަދަނީ ޖަމުޢިއްޔާތަކަށް ހުޅުވާލާ ގްރާންޓް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ”މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2022-2026)“ އާއި ”އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2025-2028)“ ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި އުސޫލުގެ ދަށުން އެހީ ދޫކުރެވޭނީ ޖަމުޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެ، ޤަވާއިދުން ހިންގަމުންދާ މަދަނީ ޖަމުޢިއްޔާތަކަށެވެ. މި ޕްރޮގްރާމްތައް ހިންގުމުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން އެހެނިހެން މަދަނީ ޖަމުޢިއްޔާތަކާ ގުޅިގެން ޕާޓްނަރޝިޕް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
މި އެހީ އަމާޒުކުރެވިފައިވަނީ މައިގަނޑު ދެ ދާއިރާއަކަށެވެ. އެއީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާއާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއެވެ.
ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާ ޚާއްސަކުރެވިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށެވެ. މި ދާއިރާއިން އެންމެ މަތީ އަދަދަކަށް ދޫކުރާނީ 1,156,500 ރުފިޔާއެވެ. އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއިން ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތްކުރާ ޖަމިއްޔާއަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. މި ދާއިރާއިން އެހީގެ ގޮތުގައި ދޫކުރާނެ އެންމެ މަތީ އަދަދަކީ 925,000 ރުފިޔާއެވެ.
މި ގްރާންޓަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 8 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ