ސިޔާސީ ސަބަބުތަކާ ހުރެ އެސްއޯއީތަކުން މުވައްޒަފުން ކަނޑާ ކަމަށް މުއިއްޒު އެއްބަސްވެވަޑައިގެނުގެންނެވި

ސަރުކާރު ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ސިޔާސީ ފިކުރާ ގުޅުވާ އެ މުވައްޒަފުން ވަކިކުރަމުންދާ ވާހަކަތައް ދޮގު ކުރައްވައި،  ސިޔާސީ ގޮތުން ވަކި ބަޔަކަށް އަމާޒުކޮށްގެން އެެއްވެސް ފިޔަވަޅެއް އަޅަން ނާންގާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވަނީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ދިފާއުކުރައްވާ، އެއީ އިރާން ހަނގުރާމައާ ގުޅިގެން މަޖުބޫރުން ކުރަން ޖެހުނު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި، މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ކުރިން ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުން ނޫން އެހެން އެއްވެސް މުވައްޒަފަކު ވަކިކުރަންވީ ވައުދާ ހިލާފުވުން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 
"އަޅުގަނޑުގެ ވައުދު އަޅުގަނޑު ފުއްދީމޭ އިނގޭތޯ. އެއީ އަޅުގަނޑުމެން ސަރުކާރުން ފެށިގެންދިޔައިރު ތި ވިދާޅުވި ގޮތަށް ކުންފުނިތަކުގައި ތިބި ޕޮލިޓިކަލް މަގާމުތައް ފިޔަވައި ދެން ތިބި މީހުން ހަމަ ތިބި އިނގޭތޯ، އެތައް މަހެއް ވަންދެން ވެސް ތިބި، އަދި އަހަރު ދުވަހަށްވުރެ ގިނަ، ދެ އަހަރު ދުވަހާ ހަމައަށް ތިބި ފަރާތްތައް ވެސް ތިބޭނެ،" މުއިއްޒު ވިދާޅުވި އެވެ. 
ހަނގުރާމައަ ގުޅިގެން މުވައްޒަފުން ވަކިކުރަން ޖެހުނަސް، މުއިއްްޒު ވިދާޅުވީ އެކަން ކުރަމުން ދަނީ ކަނޑައެޅިފައި އޮންނަ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމަށެވެ. މި ނޫން ގޮތަކުން ވަކިކުރާ މުވައްޒަފުންނަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުންފުނީގެ މަސައްކަތުގައި ބައިވެރިނުވާތީ ނޫނީ ޕްރޮބޭޝަނުގައި ހުރުމުން ދޫކޮށްލާފައިވާ މުވައްޒަފުން ނޫން އެހެން މުވައްޒަފަކު މި ވޭތުވި މުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފަ ނުވާނެ ކަމަށެވެ. 
"އަޅަން ޖެހޭ ފިޔަވަޅުތައް އަޅަނީ، އަޅުގަނޑުވީ ވައުދާ ހިލާފުވެގެން ކުރާ ކަމެއް ނޫން. މިހާރު ހިނގާ އެކްސަސައިޒަކީ ކުންފުނިތަކުގެ ސައިޒު ކުޑަކުރުމަށް ކުރާ މަސައްކަތެއް، ދެން ސިޔާސީ ގޮތުން ވަކި ފަރާތަކަށް އަމާޒުކޮށްގެން ކަމެއް ކުރުމަކީ ހަމަ ޔަގީނުން ވެސް އަޅުގަނޑު އަންގާ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ. 
މުއިއްޒު ވަނީ މި ވަގުތު މިކުރާ މަސައްކަތަކީ ކުންފުނިތަކުން މުވައްޒަފުން ވަކިނުކުރަންވީ ވައުދާ ހިލާފުވުން ކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެ ވައުދާ އެއް ގޮތަށް ކުންފުނިތަކުގައި މުވައްޒަފުން ބޭތިއްބި ކަމަށާއި މިހާރު މިކުރާ މަސައްކަތަކީ އެއާ ގުޅުން ހުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، އޭރުވީ ވައުދުގެ މާނައަކީ ކޮންމެ ހާލެއްގައި ވެސް މުވައްޒަފުން ބޭތިއްބުން ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. 
"އެ މުވައްޒަފުން ކޮންމެ ފަދަ ގޮތަކަށް ވެސް އުޅެންވީ ހެއްޔޭ. ކުންފުންޏަށް ބޮޑު ގެއްލުމެއް ވެސް ދޭންވީ މިސާލަކަށް، ފޯ އާގިއުމެންޓްސް ސޭކު ކުންފުނިން ވައްކަން ކުރީ މިސާލަށް، ނޫނިއްޔާ ހަމަ ކުންފުނީގެ ހަރު މުދަލަށް ވެސް ގެއްލުން ދިނީ، ދެން އޭނަ ވަކިކޮށްގެނެއް ނުވޭ، އަޅުގަނޑު ވައުދުވެފައި އޮތީމައި،" އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ ހަމަ ބުއްދި ގަބޫލުކުރާ އެކަކު ވެސް އެކަން އެގޮތަށް ވިސްނާނެ ކަމަކަށް."
މުއިއްޒު ވަނި މި ނޫނަސް ސަރުކާރުން ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ މިސާލެއްގެ ގޮތުގައި ދެއްވީ، ސިޔާސީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި މުސާރަ 10 ޕަސެންޓު ކުޑަކޮށްގެން އުޅޭތާ ދެ ވަނަ އަހަރު މި ނިމެނީ ކަމަށެވެ.
މުއިއްޒު ވަނީ މި އަދަދުތައް ފިނޭންސް މިނިސްޓްރީން ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މިނިސްޓްރީން ޝާއިއުކޮށްފައިވާ ހިސާބުތައް ދައްކަނީ ވޭތުވި ދެ އަހަރުގެ ތެރޭގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ މަންޒަރެވެ. އަދި، ސިޔާސީ މުވައްޒަފުންގެ އަދަދާއި ހިނގާ ހަރަދާއި މުސާރަތަކަކީ ފިނޭންސުން ބަލަހައްޓާ އެއްޗެއް ނޫން ކަމަށް ބުނެ އެ މައުލޫމާތު ވެސް ނުދީ ހިފަހައްޓާތީ، މުއިއްޒު ދެން އެ ވިދާޅުވި ވާހަކައިގެ ސައްހަކަން ވެސް ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ