ޔާމީން، ނަޝީދަށް: މުންޑު އަނދެެގެން މިއަދު ގޭގައި އޮތީ ކާކު؟

އެމްްޑީޕީގެ ޗެއާޕާސަންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފި ނަމަ، ރައީސް މުހައްމަދު މުއިއްޒު އޮންނަވަންޖެހިވަޑައިގަންނަވާނީ މުންޑު އަނދެގެން ގޭގައި ކަމަށް ވިދާޅުވުމަށް ފަހު، މުންޑު އަނދެގެން ގޭގައި މިއަދު އޮންނެވީ ނަޝީދު ކަމަށް ސިފަކޮށް އެމްޑީޕީ އާއި ނަޝީދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ، ޒިންމާދާރު އަދި ވާދަވެރި އިދިކޮޅެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާ ބެހޭ ގޮތުން ރޭ ޕީއެންއެފް ޖަލްސާގައި ކުރެވުނު ބަހުސްގެ ތެރެއިންނެނެވެ. ސަރުކާރު އިދިކޮޅަށް މަސައްކަތްކުރަން އެމްޑީޕީއާ އެކު އެއްބަސްވުމެއް ހަދައި އެކުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޔާމީން ރޭ ވިދާޅުވީ، ޒިންމާދާރު އިދިކޮޅެއް ނެތް ކަމަށް ރައީސް މުއިއްޒު އެ ދައްކަވާ ވާހަކަފުޅަށް އެއްބަސްވާ ކަމަށެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑު ކޮންމެވެސް ވަރަކަށް ދިރާސާކޮށްފިން އެނގޭތޯ. މުއިއްޒު އެ ދައްކަވާ ވާހަކައަކީ އޭގެ ޒާތުގައި ހަމަ ރަނގަޅު ވާހައެއް އެނގޭތޯ. މުއިއްޒު އެ ވިދާޅުވަނީ ތިމަންނަ ހާސްކޮށްލާވަރުގެ، އެވަރުގެ ކަމެއް އަދި އިދިކޮޅު ސިޔާސީ ފަރާތަކުން ނުކުރެޔޭ،" ޔާމީން ވިދާޅުވި އެވެ.
ޕީއެންއެފްގެ ޖަލްސާތަކުގައި ދައްކާ ވާހަކަތަކަށް ދޭތެރެއަކުން ރައީސް މުއިއްޒު ރައްދު ދެއްވާކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ، އިދިކޮޅުގެ "އުރަތްޕެއް ނެތް" ކަމަށް އެ ދައްކަވާ ވާހަކަފުޅުތަކުގައި ރައީސް މުއިއްޒު އެ ރައްދު ދެއްވަނީ ޔާމީން އާއި ޕީއެންއެފްއަށް ނޫން ކަމަށެވެ.
އެ ވާހަކަފުޅުތަކަކީ ސީދާ އެމްޑީޕީއަށް އަމާޒުކޮށް ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުން:
ރައީސް މުއިއްޒު އެ ދައްކާ ވާހަކަފުޅަކީ ވެރިކަން ކުރަން އުނދަގޫވާ ވަރުގެ އިދިކޮޅު ހަރަކާތެއް ނުހިނގައޭ؛ އެއީ އެމްޑީޕީގެ ވާހަކަ
އެ ދައްކަވަނީ އިދިކޮޅަށް އެ ވަރުގެ މުޒާހަރާއެއް ނުކުރެވެއޭ؛ އޭސީސީ ކަހަލަ ތަންތަނަށް ގޮސްފައި ކުރީގައި އުފެއްދި ވަރުގެ ޕްރެޝަރެއް ނުއުފެއްދެއޭ
އެހެންވީމާ އެ ދައްކަވަނީ އެމްޑީޕީން މިހާރު ނުކުޅެދިފައި އޮތް ވާހަކަ
"އަޅުގަނޑު މިކަމާ ވިސްނާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެނގޭތޯ. މިއީ އަޅުގަނޑުމެންނަކަށް ނުފެނޭ އެމްޑީޕީގެ އަސްލު ސޫރައެއް ދެއްތޯ؟،" އެ މަނިކުފާނު ވިދާޅުވި އެވެ.
"[ކުރީގެ] ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުއިއްޒު އޮންނަންޖެހޭނީ މުންޑު ލައިގެން ގޭގަތޯ. ދެން މިއަދު އަޅުގަނޑު ސުވާލުކުރަން ބޭނުން ކާކުތޯ މިއަދު މުންޑު އަނދެގެން އޮތީ ގޭގައި. އެހެންވީމާ އެ ވާހަކަ މުއިއްޒު އެ ދައްކަނީ."
ޔާމީން ވިދާޅުވީ، އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ޕީއެންއެފް ބޭފުޅުންނަކީ އެއްވެސް އިރެއްގައި މަގުމައްޗަށް ނުކުމެ މުޒާހަރާތައް ކުރި ބައެއް ނޫން ކަމަށާއި އެ ޕާޓީން ކުރާ ކަމަކީ އިލްމީ ބަހުސްތަކާ އެކު ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރުން ކަމަށެވެ. ވޭތުވެދިޔަ ތިން އަހަރު އެ ޕާޓީގެ އޮފީހުގައި ކުރަމުންދާ މަސައްކަތަކީ އެއީ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ތެރޭގައި ނަޝީދު ވިދާޅުވެފައިވަނީ، ޗެއާޕާސަންކަން ލިބިވަޑައިގެންފި ނަމަ، ރައީސް މުއިއްޒު އޮންނަވަންޖެހިވަޑައިގަންނަވާނީ މުންޑު އަނދެގެން ގޭގައި ކަމަށެވެ. ނަޝީދުގެ ޗެއާޕާސަން ކަމުގައި، މިހާރު ސިޔާސީ ފޯރި ކުޑަވެފައި އޮތް އެމްޑީޕީގެ ތެރޭގައި އެ ފޯރި ގަދަކޮށް، އިދިކޮޅުގެ ހަރަކާތްތައް ވެސް އިތުރުކުރާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ