ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމުގައިވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ނިންމައި، ރައްޔިތުންނާ ހަވާލުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަޝްރޫޢުތައް ހަމައެކަނި ނިންމުމުގެ ބަދަލުގައި، ފްލެޓްތައް ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަދެ ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ކުރީގެ ސަރުކާރުތަކުން ފެނިފައިނުވާ މިންވަރަށް މި ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުކުރެއްވި 13 ރަށެއްގެ ހައުސިންގ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށް ހުރިހާ ތައްޔާރީތަކެއް ނިމި، މާލީ އިންތިޒާމުތަކާއި އެޑްވާންސް ފައިސާ ދޫކުރުމުގެ ކަންކަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހުޅުމާލެއާއި ވިލިމާލޭގައި ހިންގާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހައުސިންގ ފައިނޭންސް މަޝްރޫޢުތައް ވެސް ހިމެނޭއިރު، އަންނަ ޖުލައި މަހު، އެއް މަޝްރޫޢެއް ފިޔަވައި އެހެން ހުރިހާ މަޝްރޫޢެއްގެ ބިންގާ އެޅުމާއި ކޮންކްރީޓް މަސައްކަތްތައް ފަށައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އަހަރު ބީއެމްއެލް މެދުވެރިކޮށް ދޫކުރި އެފޯޑަބަލް ހައުސިންގ ލޯން ސްކީމްތައް މި އަހަރު ވެސް ކުރިއަށްގެންދަވާނޭ ކަމަށެވެ. އަދި ހައުސިންގ ޓްރަސްޓް ފަންޑު އިތުރަށް ފުޅާކޮށް، އާންމު ރައްޔިތުންނަށް ގެދޮރު އެޅުމަށް ފަސޭހަ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން، އިކުއިޓީ ފައިނޭންސިންގ ގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ފަންޑު ފުޅާކުރުމަށް އަންނަ އަހަރުގެ ބަޖެޓުން ޖާގަ ހޯދުމުގެ އިތުރުން، މިހާރު ހުރި ފަންޑު ބޭނުންކޮށްގެން ވެސް މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، ބޭންކުތައް މެދުވެރިކޮށް އިމާރާތްތައް އެޅުމަށް ފަސޭހަ މާލީ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އަތޮޅުތަކުގައި ހުއްޓިފައި ހުރި އެހެނިހެން މަޝްރޫޢުތައް އަލުން ފަށައި، އިތުރު މާލީ މޮޑެލްތަކާއެކު އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ހުއްޓިފައިވާ ކުޅުދުއްފުށީގެ 400 ހައުސިންގ ޔުނިޓްގެ މަޝްރޫޢު އަލުން ފަށައި، އެ މަސައްކަތް ޕްރައިވެޓް ކޮންޓްރެކްޓަރަކާ ހަވާލުކުރުމުގެ އެއްބަސްވުމުގެ މަރުހަލާ މި ހަފުތާގައި ނިމޭނެ ކަމަށާއި، ހަމަ އެ ރަށުގައި ހިންގާ އަތޮޅުތެރޭގެ އެންމެ ބޮޑު ހައުސިންގ މަޝްރޫޢު ކަމަށްވާ، 2000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު، ދެ އަހަރުބައިން ނިންމުމަށް ރާއްވަވާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލޭގެ ބިންހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށައި، މި އަހަރުގެ ފަހުކޮޅު ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ލިސްޓުތައް އާންމުކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ ލިސްޓުތައް އާންމުކުރުމުގެ ކުރިން ފުރިހަމައަށް ވެރިފައިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ކުރިން ކަންކަން ހިނގާފައިވާ ގޮތާ ޚިލާފަށް، މި ސަރުކާރުން މިކަން ކުރިއަށްގެންދަނީ ހާމަކަން ބޮޑުކޮށް، އިންތިޒާމުތަކުގެ ތެރެއިން ކަމަށާއި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހައްގުވެރިންނަށް ގޯއްޗާއި ފްލެޓް ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ސަރުކާރުގެ އަމާޒަކީ، އެހެން ސަރުކާރުތަކުން ނުކުރާ މިންވަރަށް ނަތީޖާ ނެރެދީ، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަސައްކަތަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ފުރިހަމަ ހާމަކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށާއި، 2028 ވަނަ އަހަރުގެ މެދުތެރެއަށް މަސައްކަތްތައް ނިންމަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ