ގެދޮރު އަޅަން އިކުއިޓީ ފައިނޭންސިން ދޭން އެބަ މަސައްކަތްކުރަން: ރައީސް

ގެދޮރު އެޅުމަށް އިކުއިޓީ ފައިނޭންސިން ދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ގޯތިގެދޮރު އެޅުމަށް ލޯނު ހޯދުމަށް އަމިއްލަ އަތުން ވަކި މިންވަރެއް ހަރަދުކުރަން ޖެހެ އެވެ. އާންމުކޮށް، އެއީ ނަގާ ލޯނުގެ %20 އެވެ.
ބުނީ ކީކޭ؟ - ގެދޮރު އެޅުމަށް އިކުއިޓީ ފައިނޭންސިން ދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވީ، މިހާރު ހައުސިން މަޝްރޫއުތައް ކުރިއަށްދާ ގޮތަށް ބަލާފައި ވެރިކަމުގެ ދައުރުގެ ތެރޭގައި އެ ވައުދު ފުއްދިދާނެތޯ، ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުންނެވެ. 
ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ، "އިރާދަކުރެއްްވިއްޔާ ފުއްދޭނެ" ކަމަށެވެ. އެއަށް ފަހު އެ މަނިކުފާނު ވިދާޅުވީ:
ހައުސިން މަޝްރޫއުތައް އެޅުމަށް އެކިއެކި ފައިނޭސްސިން މޮޑިއުލްތައް މިހާރު ވެސް ވަނީ ތައާރަފުކޮށްފައި 
ގޯއްޗާއި ފްލެޓުތަކަށް ބޭންކުގެ ތެރެއިން މިދިޔަ އަހަރު ވެސް އެފޯޑަބަލް ހައުސިން ލޯނުގެ ތެރެއިން ވަރަށް ގިނަ ލޯނު ދީފައިވާނެ؛ މިއަހަރު ވެސް އެ ފުރުސަތު ހުޅުވާލާނެ
މީގެ އިތުރުން، ހައުސިން ޓްރަސްޓް ފަންޑު ބޮޑުކޮށް، އިތުރު ފުރުސަތުތައް ދޭން ވެސް މަސައްކަތް ކުރަމުން އެބަދަން
"މިސާލަކަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން ފަންޑު އިތުރަށް ބޮޑުކޮށްފައި އަދި މިއަހަރު ތެރެއިން އޮތް ފަންޑުން އަޅުގަނޑުމެން މަސައްކަތް ކުރާނަން އިކުއިޓީ ފައިނޭންސިން ދޭ ގޮތަށް. އިކުއިޓީ ފައިނޭސް ދިނީމަ ބޭންކަށް ވަދެވޭނެ ގޯތީގެ އިމާރާތް އެޅުމަށްޓަކައި. މިއީ ވަރަށް ގިނަ ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމެއް. ގިނަ ރައްޔިތުންނަށް ބޭންކަށް ވަދެވޭ ވަރަށް ފައިނޭންސް ހަމަޖައްސައިދެވިއްޖެ ނަމަ ދެން ވަރަށް ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ އެކި ކަހަލަ ގޮތް ގޮތުން އެބަ މަސައްކަތްކުރެވޭ. އިރާދަކުރެއްވިއްޔާ މި ވައުދު ފުއްދޭނެ."
ރައީސް އިތުރަށް ވިދާޅުވީ:
ރާއްޖޭގެ 13 ރަށެއްގައި ހައުސިން މަޝްރޫއުތައް ހިންގަން މިދިޔަ އަހަރު ފަހުކޮޅު ވާނީ ހަވާލުކޮށްފައި؛ އަމަލީ މަސައްކަތް ފަށަން މިހާރު ވަނީ ތައްޔާރުވެފައި
އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް މިހާރު ވަނީ ހަމަޖައްސައި ނިމިފައި
މާލޭ ސަރަހައްދުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގައި ވެސް މިއަންނަ މަސް ތެރޭ އަމަލީ މަސައްކަތައް ފެށޭނެ
ވެރިކަމާ ހަވާލުވިއިރު ހުއްޓިފައި ހުރި ހައުސިން މަޝްރޫއުތައް ވެސް ފަށައިގެން އެބަކުރިއަށްދޭ
"އަޅުގަނޑުމެން މި މަސައްްކަތްކުރަނީ މީގެ ކުރިން އެއްވެސް ވެރިކަމެއްގައި ނުވެ އޮތް ކަމެއް ކުރަން. އެއީ މީގެ ކުރިން އެއްވެސް ވެރިއަކަށް ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއު ނިންމައި އެ ފްލެޓުތަކަށް މީހުން ވެއްދިފައެއް ނެތް އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި. މިބަލަނީ އެކަން ބަދަލުކުރެވޭތޯ. އިރާދަކުރެއްވިއްޔާ 2028ގެ މެދަކާ ހަމައަށް ދާއިރު މީގެ ތެރެއިން ވަރަށް ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމޭނެ. ބައެއް މަޝްރޫއުތައް އޭގެ ކުރިން ވެސް ނިމޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ