ރައީސް އިހްތިޔާރު ކުރެއްވީ އީސީގެ ރައީސަކަށް ޕީއެންސީގެ ފަހުގެ ރަޖިސްޓްރާ ޝަކީލް އައްޔަން ކުރަން

ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
ވީހިނެއް؟ - މީގެ ކުރިން އީސީ އާއި އޭސީސީއަށް ރައީސް ނުވަތަ ނައިބު ރައީސުން ހޮވަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މި ދެ ކޮމިޝަންގެ ގާނޫނަށް މަޖިލީހުން 2024ގައި ގެނައި އިސްލާހަކާ އެކު، އެ މަގާމުތަކަށް މީހުން އިހްތިޔާރު ކުރުމުގެ ބާރު ދީފައިވަނީ ރައީސަށެވެ. އަދި ރައީސް އެ މަގާމަށް މީހުން އައްޔަން ކުރައްވަނީ މަޖިލީހުގެ ރުހުމާ އެކު އެވެ. 
އެގޮތުގެ މަތިން މިފަހަރު އީސީގެ ރައީސަކަށް އައްޔަންކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އިހްތިޔާރު ކުރެއްވީ، މިދިޔަ ހަފްތާގައި އެ ކޮމިޝަންގެ މެންބަރު ކަމަށް އެ މަނިކުފާނު އައްޔަން ކުރެއްވި، ޕީއެންސީގެ ސެނެޓް މެންބަރުކަން ވެސް ކުރެއްވި ޝަކީލެވެ.
ތަފްސީލު - މިއަދު ހިނގަމުން އަންނަ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭ ގޮތުން ރައީސް ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ. އެ ސިޓީގައިވާ ގޮތުން، އީސީގެ ރައީސަކަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް އެ މަނިކުފާނު ފޮނުއްވީ ޝަކީލްގެ ނަން އެކަންޏެވެ. 
އެއާ އެކު، މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީން ގޮތެއް ނިންމުމަށް ފަހު، ދެން މި މައްސަލަ ގެންނާނީ ތަޅުމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޝަކީލް ފަދަ ސިޔާސީ ބޭފުޅެއް އީސީ ފަދަ މިނިވަން މުއައްްސަސާއަކަށް އައްޔަން ކުރަން ރައީސް ފޮނުއްވުމުން ވެސް ބައެއް އާންމުން އެކަމަށް އޭރު ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.
ޝަކީލް ޕީއެންސީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ޝަކީލް އީސީއަށް އައްޔަން ކުރުމާ އެކު މިހާރު އެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވަމުން ގެންދަވަނީ ޑެޕިއުޓީ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރެވެ.
ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީގައި އިސްކޮށް އުޅުއްވި ޝަކީލް އިސީއަށް އައްޔަން ކުރުމުގެ ކުރިން އޭނާއަކީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރެވެ. އީސީގެ މެންބަރުކަމަށް އައްޔަން ކުރުމުގެ ކުރިން މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދެއްވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އީސީގެ މެންބަރުކަން ޝަކީލް ކުރެއްވި އެވެ.
އެނގުން މުހިއްމު - އީސީއަށް އާ މެމްބަރަކު އައްޔަން ކުރެއްވީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ