އެމެރިކާއާއި އީރާނުގެ ހަމަލާތަކުގެ ސަބަބުން ކަނޑުއޮޅި އަލުން ބަންދުވުމުގެ ބިރު އޮތުމާއެކު ތެލުގެ އަގު އުފުލިއްޖެ
އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރި ހަމަލާތަކުގެ ސަބަބުން ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ. އެގޮތުން ބައިނަލްއަގުވާމީ ބެންޗްމާކެއް ކަމަށްވާ، ބްރެންޓް ކްރޫޑް މިއަދު ގާތްގަނޑަކަށް 0.9 ޕަސެންޓް ވަނީ އުފުލިފައެވެ. ބްރެންޓް ފިއުޗާސްގެ އަގު 73.21 ޑޮލަރަށް އުފުލިފައިވާއިރު، މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އެއް ދުވަސް ކުރިން ހުރި މިންވަރަށްވުރެ 127 ސެންޓް އިތުރު އަދަދެކެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހުކުރު އަދި ހޮނިހިރު ދުވަހު އީރާނާ ދެކޮޅަށް ހަމަލާދޭކަން އިއުލާނުކުރީ އީރާނުން 25 ވަނަ ދުވަހު ބޯޓަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. އެއާ އެކު އެމެރިކާއިން ވަނީ އީރާނުގެ ޑްރޯން އަދި މިސައިލް ރައްކާކުރާ ގުދަންތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެ ރައްދުގައި އީރާނުން ވަނީ ކުވޭތާއި ބަހުރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯނުން ހަމަލާ ދީފައެވެ. މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ކުރީގެ އެއްބަސްވުންތަކަށް އީރާނުން އިހުތިރާމް ނުކޮށްފި ނަމަ އެ ގައުމު އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރު "ޓްރުތު ސޯޝަލް" މެދުވެރިކޮށް ދެއްވާފައެވެ. ނަމަވެސް ދެ ގައުމުގެ މެދުގައި ބަދަލުކުރަމުންދިޔަ ވަރުގަދަ އަސްކަރީ ހަމަލާތަކަށް ފަހު، އެމެރިކާ އާއި އީރާނުން "މިވަގުތަށް" ހަމަލާދިނުން ހުއްޓާލައި ފަހަތަށް ޖެހުމަށް އެއްބަސްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި މަޝްވަރާތައް ބާއްވާނެއެވެ. ސްވިޓްޒަލޭންޑްގައި ކުރިން ބޭއްވުމަށް ތާވަލްކުރި ނިއުކްލިއާ މަޝްވަރާތައް މިހާރު ވަނީ ހަމަލާތަކާ ގުޅިގެން ކެންސަލްކޮށްފައެވެ. އަދި ދޯހާގައި ބާއްވާ ކުއްލި ސަމިޓް މިހާރު ހާއްސަކޮށްފައި ވަނީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ބެހޭ ކަންކަމަށް ހާއްސަކޮށް އަސްކަރީ ހޮޓްލައިނެއް ގާއިމުކުރުމަށާއި، މިހާރު އޮތް ވަގުތީ ސުލްހަ ދެމެހެއްޓުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ