އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަން ކުރަން މުއިއްޒު ހުށަހަޅުއްވައިފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރެޖިސްޓްރާގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަކީލު އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ. 
ޝަކީލުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހެ ކޮމިޓީއަށް މިއަދު ބޭއްވި މަޖިލީހުގައި ވަނީ ފޮނުވައިފަ އެވެ.
ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އަދާ ކުރެއްވުމުގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް މިހާތަނަށް ހުންނެވީ ޝަކީލެވެ. މީގެ ކުރިން ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް ވެސް ޝަކީލު ހުންނެވި އެވެ. 
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަން ކުރީ މިދިޔަ ބުދަ ދުވަހެވެ. ކޮމިޝަނުގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މެއި 1، ގައި އިސްތިއުފާ ދެއްވުމުންނެވެ. 
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ކުރިން ބުނެފައި އޮތް ގޮތުން އެ ކޮމިޝަނުގެ ރައީސްއަކު ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މި ސަރުކާރުން ގާނޫނަށް ބަދަލު ގެނައުމަށްފަހު ކަނޑައެޅީ އެ މަގާމަށް މީހަކު ނޮމިނޭޓު ކުރާނީ ވެސް އައްޔަން ކުރާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. 
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވިއިރު ސަރުކާރުގެ ފަރާތުން އޭނާއަށް ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދިޔަ އެވެ. އެންމެ ބޮޑު ޕްރެޝަރެއް ސަރުކާރުގެ ފަރާތުން ކުރިމަތިވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރުން ބަލިވުމުން ވެސް ޕްރެޝަރުތަކެއް ކުރިމަތިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ