އެމެރިކާ އާއި އީރާނުން ހަމަލާތައް މެދުކަނޑާލައި ގަތަރުގައި މަޝްވަރާތައް ފެށުމަށް ނިންމައިފި

އެމެރިކާ އާއި އީރާނާ ދެމެދު ފަހަކަށް އައިސް ގަލްފް ސަރަހައްދުގައި ހިނގަމުންދިޔަ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށާއި ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭ ގޮތުން އަލުން މަޝްވަރާތައް ފެށުމަށް ދެ ގައުމުން އިއްޔެ އެއްބަސްވެއްޖެ އެވެ.
މިއީ ދެ ފަރާތުގެ ދެމެދުގައި ކުރިން ވެފައިވާ ވަގުތީ ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ލިބުނު އުންމީދެކެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި މަހުގެ 17 ވަނަ ދުވަހު ސޮއިކުރި 14 ނުކުތާގެ މައްޗަށް އެކުލެވޭ އެމްއޯޔޫއާ ގުޅޭ ފަންނީ މަޝްވަރާތައް ކުރިއަށްދާނެ އެވެ. އަދި ދެ ފަރާތުން ވެސް މިވަގުތަށް ހަމަލާތައް ހުއްޓާލާފައިވާތީ، އުޅަނދުފަހަރަށް މިނިވަންކަމާ އެކު ދަތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
'އެކްސިއޯސް' ނޫހުން ބުނި ގޮތުގައި މި މަޝްވަރާތައް މާދަމާ ގަތަރުގައި އަލުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް މުއާމަލާތްތައް އަލުން މިފެށީ، މިދިޔަ ބުރާސްފަތި ދުވަހު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށެވެ. އީރާނުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އެ ގައުމަކީ "ދެން އޮންނާނެ ގައުމެއް ނޫން" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވި ފަހުން، އީރާނުން ވަނީ ކުވައިތާއި ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.
އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ން ބުނި ގޮތުގައި، މި ހަމަލާތަކަކީ އެމެރިކާއިން ސުލްހައިގެ އެއްބަސްވުމާ ހިލާފުވުމުން ދިން ރައްދެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް "ނަރަކައިގެ ތަޖުރިބާ" ކުރަން ޖެހޭނެ ކަމަށް ވެސް އިންޒާރު ދީފައިވެ އެވެ. ނަމަވެސް އެމެރިކާއިން ބުނީ އެ މަރުކަޒުތަކަށް ހަމަލާ ދިން ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، ލުބުނާނާ އެކު ހުކުރު ދުވަހު ސުލްހައިގެ ވަގުތީ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތް ނަމަވެސް، އިޒްރޭލުގެ ސިފައިން ވަނީ ލުބުނާނުގެ ދެކުނުގައިވާ ހިޒްބުއްލޯގެ މަރުކަޒުތަކަށް އާ ހަމަލާތަކެއް އިއްޔެ ދީފަ އެވެ. އީރާނުން ބުނަމުންދަނީ އެމެރިކާ އާއި އީރާނުގެ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ލުބުނާނުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ބަހްރައިންގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އީރާނުގެ ހަމަލާއެއްގައި އެ ގައުމުގެ ދިރިއުޅޭ އިމާރާތަކަށް ގެއްލުން ލިބިފައިވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ކުވައިތުން ބުނީ އެ ގައުމަށް އަމާޒުވި ބެލިސްޓިކް ދެ މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށާއި، އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މި އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ލިބުނު އަނިޔާތަކާ ގުޅިގެން ގަތަރުގެ ރައްޔިތަކު މަރުވެފައިވާކަން އެ ގައުމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ