މެންބަރު ޒަރީރަށް އަނެއްކާވެސް ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރަށް ހަމަލާދީފިއެވެ. 'ސަން'އަށް އިތުބާރު ހުރި މަސްދަރަކުން ވަނީ، ޒަރީރަށް ރޭގެ ވަގުތެއްގައި ހަމަލާދިންކަން ކަށަވަރުކޮށްދީފައެވެ. މި ކަމާ ގުޅިގެން ޒަރީރުގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ. ފާހަގަކުރެވޭ ގޮތުގައި، ނަވާރަވަނަ މަޖިލީހުގައި ވެސް މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ޒަރީރަށް މީގެ ތިން އަހަރު ކުރިން ބަޔަކު ހަމަލާދިނެވެ. ޒަރީރަށް ހަމަލާދިނީ އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް، މެއި 1، 2023ގައި ފަތިހު 04:15 އެހާކަންހާއިރު ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ ތެރެއިންނެވެ. https://sun.mv/198876 އެ ގޮތުން ޒަރީރުގެ ގައިގައި އަތުންނާއި ފައިން ތެޅުމަށްފަހު، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ހަމަލާދީފައިވެއެވެ. މި މައްސަލައިގައި ޒަރީރު ވިދާޅުވާ ގޮތުގައި އޭނާއަށް ހަމަލާދިނީ ފަސް މީހުންގެ ގްރޫޕަކުންނެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ތ. ކިނބިދޫ، ދީފްރަމްގޭ މުޙައްމަދު އަވްޝަމާއި މާލޭ ތާޖްގޭ މުލާޢިމް މުޙައްމަދުގެ އިތުރުން، މާލޭ ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲގެ މައްޗަށެވެ. މީގެ ތެރެއިން އަވްޝަމާއި މުލާޢިމްގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ޢަބްދުﷲގެ މައްޗަށް އުފުލީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ކުރި މާރާމާރީގެ ދައުވާ އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުން ވެސް އޭރު މިނިވަންކޮށްފައެވެ. ހަބީބީ ކެފޭއަކީ އަނދިރިކޮށް ލަވަޖަހާފައި ހުންނަ ތަނެއް ކަމުން، އެ ތަނަށް ވަދެ ޒަރީރަށް ހަމަލާދިން މީހުންނަކީ ސީދާ ކޮން ބައެއްކަން ދައުލަތުން ހުށަހެޅި ހެކިވެރިންނަށް ވެސް ސާބިތުކޮށްދެވިފައެއް ނުވެއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އަވްޝަމާއި މުލާޢިމްގެ މައްޗަށް ކުރި ދައުވާ އެކަށީގެންވާ މިންވަރަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ހުކުމްކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ ޢަބްދުﷲ، އެ މާރާމާރީގައި ނުހިމެނޭ ކަމަށް ޒަރީރުގެ ހެކިބަހުގައި ވެސް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ރިޕޯޓުތަކުން ވެސް އެކަށީގެންވާ މިންވަރަށް ޢަބްދުﷲގެ މައްޗަށް ދައުވާ ސާބިތުކޮށްދެވިފައިނުވާތީ، ކޯޓުން ހުކުމްކުރީ އެ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ