ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރަންޖެހޭ ހުރިހާ އަމަލީ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު އިއުލާނުކޮށްފިއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ސައިޓުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
މި މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މިހާރު އޮތް ބަނދަރުގެ ފަޅު ތެރެއިން 13,498 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، ބަނދަރު ބޮޑުކުރުމަށްޓަކައި އިތުރު 9,519.20 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމުގެ މަސައްކަތް ހިމެނެއެވެ.
ބަނދަރުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމުގެ ގޮތުން، 232 މީޓަރުގެ ބޭރު ތޮށިލުމާއި، 320 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން 35 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ބަނދަރަށް ވަދެ ނުކުމެ ހަދާ އުޅަނދުފަހަރަށް ފަސޭހަކޮށްދިނުމަށް ދެ ނެވިގޭޝަން ލައިޓް ހަރުކޮށް، 25 މޫރިން ބޮއި ވަނީ ހަރުކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ގައްދޫ ބަނދަރު ސަރަހައްދުގައި 1,600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، 16 މަގުބައްތި ވަނީ ހަރުކޮށްފައެވެ. އަދި މީގެ އިތުރުން ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ވަނީ ފުރިހަމަކޮށްފައެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ޖުމްލަ 38.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި ބަނދަރު ނިމުމާއެކު ގައްދޫގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ގައްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ