އާންމު ރައްޔިތުންނަށް ސީދާ ގޮތެއްގައި ޑޮލަރުގެ މަންފާ ލިބޭނެ ގޮތަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްޞަ ރިސޯޓު މަޝްރޫޢު ހިންގާނެ ރަށްތަކާއި ފަޅުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި އިތުރު ބައެއް މިނިސްޓްރީތައް ހިމެނޭހެން ޚާއްޞަ ކޮމިޓީއެއް އުފައްދާފައިވާކަމަށެވެ. އެގޮތުން، އެ މަޝްރޫޢު ހިންގާނެ ރަށްތަކާއި ފަޅުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވިގޮތުގައި، މި މަޝްރޫޢަށް އެންމެ އެކަށީގެންވާ ތަންތަން ކަނޑައަޅައި ނިމުމުން، އެ ތަންތަނުގެ ފީޒިބިލިޓީ ދިރާސާތައް ކުރިއަށްދާނެއެވެ. އަދި އެ މަރުޙަލާ ނިމުމުން، ސަރުކާރުގެ ކަމާބެހޭ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަނޑައަޅައި، އެ ކުންފުނި މެދުވެރިކޮށް މަޝްރޫޢުގެ ދެން ހުރި މަރުޙަލާތައް ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ޑޮލަރުން ސީދާ ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް "އޮން ޓްރެކް" ގައި ކުރިއަށްދާ ކަމަށެވެ.
ހަމައެއާއެކު، މި މަޝްރޫޢު ނިމިގެންދާއިރު، އާންމު ރައްޔިތުންނަށް ރިސޯޓުތަކުގެ ހިއްސާ ގަނެވޭނެ މަގު ފަހިވެ، އޭގެ ނަފާ ޑޮލަރުން ލިބިގެންދާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ހާމަކޮށްފައެވެ.
އާންމުންނަށް ޑޮލަރު ލިބޭ ރިސޯޓު މަޝްރޫޢު ކުރިއަށް ގެންދާނެ ރަށްތައް ކަނޑައެޅުން ކުރިއަށް އެބަދޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ