ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އުފެދިފައިވާ ދެބަސްވުމުގެ ތެރޭގައި ދެމުން ގެންދާ ހަމަލާތަކުގައި ރޭ ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ މަގުން ދިން ހަމަލާތަކުގައި އާންމުންގެ 36 މީހަކު މަރުވެ 163 މީހަކު ޒަހަމްވެފައިވާ ކަމަށް އަފްޣާނިސްތާނުން ބުނެފި އެވެ.
ޕާކިސްތާނުން ރޭ ހަމަލާ ދިނީ އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުތަކަށް ކަމަށާއި މިއީ ހަނގުރާމަވެރިން ދިން ހަމަލާތަކެއް ކަމަށް ޕާކިސްތާނުން ބުންޏެވެ. ނަމަވެސް އަފްޣާނިސްތާނުގެ ސަރުކާރުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތައް އަމާޒުވީ އާންމުންނަށެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަންތަކުގައި 25 ހަނގުރާމަވެރިން މަރުވެފައިވެ އެވެ. އަދި މި ހަމަލާތައް އަމާޒުކުރީ ހަފްތާ ބަންދުގައި ކަރާޗީއަށް ދިން ނުރައްކާތެރި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ މީހުންނަށް ކަމަށް ވެސް ވިދާޅުވި އެވެ. އަނެއްކޮޅުން އަފްޣާނިސްތާނުން ބުނަމުން އަންނަޏީ އަފްޣާނިސްތާނުގެ ސަރަހައްދުގައި އެއްވެސް ހަނގުރާމަވެރިއަކަށް ހިމާޔަތްދީފައި ނުވާނެ ކަމަށެވެ.
އަފްޣާނިސްތާނުގެ ވެރިކަމަށް 2021 ވަނަ އަހަރު ތާލިބާނުން އައި ފަހުން ޕާކިސްތާނާ އެކު ގުޅުން ވަނީ ގޯސްފަ އެވެ. ޕާކިސްތާނުގައި ހަމަލާދޭ ހަނގުރާމަވެރިންނަށް އަފްޣާނިސްތާނުން ހިމާޔަތްދޭ ކަމުގެ ތުހުމަތާ އެކު މީގެ ކުރިން ވެސް ޕާކިސްތާނުން ވަނީ އަފްޣާނިސްތާނަށް އެތައް ފަހަރަކު ހަމަލާ ދީފަ އެވެ.
ޕާކިސްތާނު ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވަނީ ޕާކިސްތާނުގެ އަމަލު ކުށްވެރިކުރައްވައި މިއީ "އިސްވެ ދިން ފިނޑި، އުދުވާނީ ހަމަލާއެއް" ކަމަށް ވިދާޅުވެފަ އެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވީ ބޯޑަރު ސަރަހައްދުތަކުގައި އެއްގަމު މަގުން ވެސް ހަމަލާައް ދީފައިވާނެ ކަމަށެވެ. މިއީ ތަހްރީކީ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން ވަކިވެގެން އުޅޭ ގްރޫޕެއް ކަމަށްވާ ޖަމާއަތުލް އަހްރާރަށް އަމާޒުކުރި ހަމަލާތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާ ދިނުމުން އެތައް ބަޔަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ