އީސީގެ ރައީސަކަށް ޝަކީލް އައްޔަންކުރަން ރުހުން ހޯދަނީ

މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް އަލުން އައްޔަންކުރި މުހައްމަދު ޝަކީލް، އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރުހުން ހޯދަން ފޮނުވައިފިއެވެ.
ކޮމިޝަންގެ މެންބަރަކަށް ކުރިން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޝަކީލު އައްޔަންކުރީ މި މަހުގެ 24 ގަ އެވެ.
އޭނަ މެންބަރު ކަމަށް އައްޔަންކުރީ އީސީގެ ރައީސަކަށް ކުރިން ހުންނެވި މެންބަރު މުހައްމަދު ޒާހިދު މިދިޔަ މަހުގެ 1 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އީސީ އެކުލެވެނީ 5 މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ސޮލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި ޢަބްދުލް ޙަސީބް އިސްމާޢީލާއި ރިފްޢަތު ޢަބްދުﷲ އަދި ޝަކީލެވެ.
އީސީގެ ރައީސަކަށް ޝަކީލް އައްޔަން ކުރުމަށް ރައީސް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
ޝަކީލަކީ ކުރިން ވެސް އީސީގެ މެންބަރުކަމާއި އެ ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލްކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ