ކުރިއަށް އޮތް އަހަރުތެރޭގައި ފުލުހުންގެ ހިދުމަތަށް ޑްރޯން އޭސް ފަސްޓް ރެސްޕޮންޑާގެ ހިދުމަތް ތައާރަފު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ, ފުލުހުންގެ ކުރަމުން އަންނަ މަސައްކަތަށް އިތުރަށް އެހީތެރިވުމަށާއި ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމަށް ފުލުހުންގެ ހިދުމަތަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައި, އެ ޓެކްނޮލޮޖީން ރައްޔިތުންނަށް ހިދުމަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ.
އެގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އެމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިން އިކުއިޕްމަންޓާއި އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ގޮތް ހަދައި, އެ ހިސާބުގައި ހަރުކޮށްފައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑް ވަގުތުން ފެންނަ ގޮތަށް ސިސްޓަމް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ އަހަރު ތެރޭގައި ޑްރޯން އޭސް ފަސްޓް ރެސްޕޮންޑާ ހިދުމަތްވެސް ތައާރަފު ކުރެވިގެންދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
”މި ހިދުމަތުގެ ސަަބަބުން ފުލުހުންނަށް އިންސިޑެންޓެއް ރިޕޯޓްކުރުމާއެކު ފުލުހުންގެ ޑްރޯން އެ ސަރަހައްދަކަށް ޑިޕްލޮއި ކުރެވި, ރެސްޕޮންޑް ކުރާ އޮފިސަރުންނާއި ކޮމާންޑް ސެންޓަރަަށް ތަނުގެ ހާލަތު ވީޑިއޯގެ ޒަރީއާއިން ވަގުތުން އަންގަމުންދާނެ. އެއްގަމުގައި ޓްރެފިކާއި ކަނޑުހުރަސްކޮށް ހިދުމަތް ފޯރުކޮށްދޭންޖެހޭ ހާލަތުގައި ފުލުހުން އެ ހިސާބަށް ދާން ލަސްވިޔަސް, ޑްރޯންގެ އެހީގައި ވަގުތުން އެތަނެއްގެ ހާލަތު ދެނެގަނެ, މިހާރަށްވުރެ ފުރިހަމައަށް އެފިޝެންޓްކޮށް ހިދުމަތް ދެވިގެންދާނެ,“ އިހުސާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ, ފުލުހުންގެ ހިދުމަތަށް ތައާރަފުކުރާ ޓެކްނޮލޮޖީ ހޮސްޓް ކުރުމަށް އެންމެ ޒަމާނީ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.
ފުލުހުންގެ ހިދުމަތަށް އަންނަ އަހަރު ޑްރޯން ތައާރަފުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ