އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - ފީފާ ވޯލްޑް ކަޕްގައި ކުޅެން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން އައިސް ތިބި ކަމުގައި ވިޔަސް އެ ޓީމުގެ ކުޅުންތެރިން ސިކުނޑިން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހިނގާ ހަނގުރާމައިގެ ވިސްނުންތައް ބޭރުނުވާ ކަމަށް ކޮންގޯ ޓީމުގެ ތަރި، ޔޮއާން ވިއްސާ ބުނެފި އެވެ.
ކޮންގޯ 1974 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި (އޭރު ވާދަކުރީ ޒައޭރްގެ ނަމުގައި) ކުޅުނުއިރު، ކޮންގޯ އަކީ ވޯލްޑް ކަޕް މުބާރާތުން ޖާގަ ހޯދި އެފްރިކާގެ ތިން ވަނަ ގައުމެވެ. އެހެން ނަމަވެސް، ދާހިލީ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ މައްސަލަތަކާ ހެދި، ކޮންގޯގެ ފުޓްބޯޅަ އޮތީ މަޑު ޖެހިފަ އެވެ.
ޖަރުމަންގައި 1974 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވޯލްޑް ކަޕްގައި ކޮންގޯ މިހާތަނަށް ކުރި ހަމައެކަނި ތަޖުރިބާ އެވެ. އޭރު ޒައޭރްގެ ނަމުގައި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކުރީ ވަރުގަދަ ބްރެޒިލް އާއި ޔޫގޮސްލާވިއާ އެއް ގުރޫޕެއްގަ އެވެ. ކުުޅުނު ތިން މެޗުންވެސް ބަލިވެ، އެ ޓީމުން މުބާރާތް ނިންމާލީ ސުން ޕޮއިންޓާއެކު އެވެ. ވޯލްޑް ކަޕް 1998ގެ ކޮލިފައިން އިން ފެށިގެން، ކޮންގޯ އިން ކޮލިފައިންގައި ގަވައިދުން ވާދަކުރެ އެވެ. އެކަމަކު، އެ މަސައްކަތް ކާމިޔާބުކުރެވުނީ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރިތާ ބައި ގަރުނު ފާއިތުވި ފަހުންނެވެ.
ވޯލްޑް ކަޕަށް އެނބުރި އައި މެޗުން ކޮންގޯ ތަފާތު ދެއްކި އެވެ. ފުރަތަަމަ މެޗުގައި ވަރުގަދަ ޕޯޗުގަލްއާ 1-1 އިން އެއްވަރުކުރި އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ހަނި ތަފާތަކުން 1-0 އިން ކޮލަމްބިއާ އަތްދަށުވި އެވެ. އެހެން ނަމަވެސް، މާޔޫސްނުވެ، ފަހު މެޗުގައި ފަހަތުން އަރައި 3-1 އިން އުޒްބެކިސްތާން ބަލިކުރި އެވެ. އެ މެޗުގައި ވިއްސާ ވަނީ ދެ ގޯލު ޖަހައިފަ އެވެ.
އެ މެޗަށް ފަހު ވިއްސާ ބުނީ، ފުޓްބޯޅަ އަށް އެކަނި ވިސްނައިގެން ކޮންގޯ އަށް ވޯލްޑް ކަޕްގެ މެޗުތަކުގައި ކުޅެވެން ނެތް ކަމަށެވެ.
"ފަސޭހައެއް ނޫން އަހަރެމެން ގައުމުގައި. އީސްޓް ކޮންގޯގައި ކޮންމެ ދުވަހަކު ހަނގުރާމަ އެބަކުރޭ. ކޮންމެ ފަހަރަކު އަހަރެމެން ޖޯޒީ ލާއިރު އެ މީހުންގެ ހަނދާންތައް އެބަ އާދޭ. އެހެންވީމަ، މިރޭ ވެސް އަހަރެެމެން އެ މީހުންގެ ވެސް ހަންގުގައި މި ބުނެދޭން މި ބޭނުންވަނީ، ކޮންމެ ކަމެއް ވިޔަސް އަހަރެމެން މި ތަމްސީލް ކުރަނީ ތި މީހުން ވެސް ހިމެނޭ ގޮތަށޭ،" އުޒްބެކިސްތާން މެޗަށް ފަހު، ކޮންގޯ ވިއްސާ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ވިއްސާ ވަނީ ޓީމުގެ މެދުގައި އޮތް އެއްބައިވަންތަކަމަކީ ކާމިޔާބު ހޯދުމުގެ ސިއްރު ކަމަށް ބުނެފަ އެވެ. ކޮންގޯ ޓީމުގައި ގިނައީ ޔޫރަޕްގައި ކުޅޭ ކުޅުންތެރިންނެވެ.
ކޮންގޯ އިން ވޯލްޑް ކަޕް ތާރީހުގައި ކުޅޭ ނޮކައުޓް ފުރަތަމަ މެޗުގައި މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި ވާދަކުރާނީ އިންގްލެންޑާ އެވެ.
ވޯލްޑް ކަޕްގައި ތިއްބަސް ހަނގުރާމައިގެ ވިސްނުންތައް ކޮންގޯގެ ޓީމު ސިކުނޑިން ބޭރެއް ނުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ