ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހި (މީސްލްސް) އަށް މި އަހަރު ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރާފައިވާއިރު، އެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 543 މީހަކު ފާހަގަވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ ހަފުތާގައި އިތުރު ދެ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މި ކޭސްތައް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. އޭގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ.
ޖުމްލަ 543 ކޮންޓެކްޓުންގެ ތެރެއިން 173 ކޮންޓެކްޓުން މޮނީޓާކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި އަނެއްކާވެސް ހިމަބިހި ފެތުރެމުން ދާތީ ވެކްސިން ދިނުމުގެ ކެމްޕެއިނެއް އެޗްޕީއޭއިން ދަނީ ކުރިއަށްގެންދަމުންނެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދީފައިވާ އިރު، ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 1،537 މީހަކަށް ވެކްސިން ދީފައިވެ އެވެ.
ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އެޅުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
މީގެއިތުރުން އެޗްޕީއޭއިން ބުނީ ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރަން އެދޭ ކަމަށެވެ.
"ބަލިތައް ވެކްސިން ޖަހައިގެން ނައްތާލެވުނީމަ ގިނަ ފަހަރަށް މީހުން އޭގެ މަތިން ހަނދާން ނެތޭ، ބަލި ނުފެންނަން ފެށީމަ. ދެން ވެކްސިން ޖަހައިގެން ތަދުވުމާއި ހުންއައުން، މިކަހަލަ ކުދި ކުދި ކަންކަމަށް މާބޮޑަށް ވިސްނާ. ވެކްސިން އިން ލިބޭ ފައިދާއަށްވުރެ ބޮޑަށް މިކަންކަމަށް ވިސްނަނީ"
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓުރޯލް ކޮށްފަ އެވެ.
ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ. މިހާރު ވެކްސިންދެމުން ދަނީ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ.
ހިމަބިއްސަށް 22 މީހުން ޕޮޒިޓިވް، 500 އަށް ވުރެ ގިނަ ކޮންޓެކްޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ