މުވައްޒަފުންގެ ވޯޓުލުމުގެ ހައްގު ގެއްލުވާލަން ރައީސް މުއިއްޒު އެހިންގާ ނާތަހުޒީބު އަމަލު ހުއްޓާލުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ.
އޮނަރަބަލް ފައްޔާޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ޖެއްސުންކޮށް އެމީހުންގެ ވޯޓު ކަށަވަރުކުރުމަށް އެމީހުން ތިބި ރަށް ނޫން އެހެން ރަށްރަށަށް އެމީހުން ރީރަޖިސްޓަރީ ކުރުވަން ރައީސް މުއިއްޒު ފައްޓަވާފައި ވާކަމަށެވެ. އެއީ ކައުންސިލް އިންތިހާބު ގެއްލިދާނެކަމުގެ ސިހުން ރައީސް މުއިއްޒަށް އޮތް މިންވަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއިދު ނެތް މަންޒަރު ފެނުމުން ވަޒީފާގެ ބިރު އެތައް ބަޔަކަށް އަންނަނީ ދައްކަމުން ކަމަށް މީގެކުރިންވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އޮނަރަބަލް ފައްޔާޒާ އެކު ފޮޓޯއެއް ނެގުމުން ތިނަދޫ ސިޓީގައި ވެމްކޯގައި މަސައްކަތް ކުރަމުންދިޔަ ނާބިތު އާއި ނާއިފް އާއި ސާލިހް އަހްމަދު ކުޅުދުއްފުށި ސިޓީ އާއި އިހަވަންދޫއަށް ބަދަލުކޮށްފައިކަމަށް ވަނީ ވިދާޅުވެފައެވެ.
ދޮގު ބަޔާނެއްގައި ސޮއިކުރުވަން މަޖުބޫރު ކުރުވައި އެ ތިން މުވައްޒަފުންނަށް ސަރުކާރުން ދިނީ ބޮޑު އަނިޔާއެއް ކަމަށްވެސް ފައްޔާޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ގަދަ ބާރު ދައްކައިގެން ތާއީދު އިތުރު ނުވާނެ ކަމަށާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ހިޔާލު ފާޅުކުރުމަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އޮތް ހައްގެއް ކަމަށް ފައްޔާޒު ކުރީން ވިދާޅުވެފައިވެއެވެ. ދިވެހިންގެ ހުރިހާ މަދަނީ އަދި ސިޔާސީ ހައްގަކަށް ޕީއެންސީން އަރައިގަންނަމުންދާތީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން އަޅުގަަނޑުމެން ނޫނެކޭ ބުނަން ޖެހޭކަމަށް ފައްޔާޒު ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.
ވޯޓުލުމުގެ ހައްގު ގެއްލުވާލަން ހިންގާ ނާތަހުޒީބު އަމަލު ހުއްޓާލާ: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ