2 ޑްރެޖަރާއެކު ގިރާވަރުފަޅު ހިއްކުން ހަލުވިކޮށްފި

ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ދެ ޑްރެޖަރުގެ އެހީގައި ހަލުވިކޮށްފި އެވެ.
ވީ ކިހިނެއް؟ - ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން މާލެ ސަރަހައްދުން އިތުރު ބިންތައް ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުން އަލަށް ރާވާފައިވާ މަޝްރޫއުތައް ހިމެނެ އެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތްތައް މެދުކެނޑި، ތާވަލާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްނުދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ތަފްސީލް - ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަަސައްކަތް ކުރިއަށްދާ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުކުރައްވައި ރައީސް މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގިރާވަރުފަޅުގެ ބިން ހިއްކުން ކުރިޔަށްދަނީ އެއްފަހަރާ ދެ ޑްރެޖަރާއެކު ކަމަށެވެ. އެ މަސައްކަތާގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މެދުކެނޑުމަކަށް ފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ މަހު އެވެ. އެ ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މެދުކެނޑުމުގެ ކުރިން ހިއްކާފައިވަނީ 56 ހެކްޓަރުގެ ބިމެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ދެ ޑްރެޖަރާއެކު ކުރިއަށްދާއިރު، އެތަނުގެ އިތުރުން ހުޅުމާލެ ފޭސް 3، ގުޅިފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އިތުރު ތިން ޑްރެޖަރު ގެންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން މިދިޔަ އަހަރު އޮތީ ބުނެފަ އެވެ.
އެ ޑްރެޖަރުތައް މިދިޔަ އޮކްޓޫބަރުގެ ނިޔަލަށް ރާއްޖެ ގެނެސް، މަސައްކަތް ފަށާނެ ކަމަށް ވެސް އޭރު އޮތީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ