ޣައްޒާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ރައްޔިތުން ދިރިއުޅެމުންދާ ޓެންޓުތަައް ހަލާކުވެ، އެ ޓެންޓުތަކުގެ ދިރިއުޅެމުންދާ 900،000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުންނަށް ހާލުގައިޖެހިއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ގަދަ ވަޔާއެކު ވެހެމުންދާ ބޯވާރޭގެ ސަބަބުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، އެތައް ހާސް ޓެންޓުތަކެއް ވަނީ ވިއްސިވިހާލިވެ ހަލާކުވެފައެވެ.
މީގެ އިތުރުން ގަދަ ވައިގެ ސަބަބުން ޓެންޓުތަކުގެ ކަިއރީގައި ހުރި ފާރެއް ވެއްޓިވެސް އިއްޔެވަނީ އަންހެނަކު މަރުވެފައެވެ.
ޣައްޒާގެ މޫސުމީ ބަދަލުތަކާބެހޭ އިދާރާތަކުން އަންނަނީ މި ވިއްސާރަ ބޮޑު ތޫފާނަކަށް ބަދަލުވެދާނެކަމުގެ އިންޒާރު ދެމުންނެވެ.
މޫސުމަށް އައިސްފައިވާ މި ބަދަލުތަކުގެ ސަބަބުން މިހާރުވެސް ނާޒުކު ހާލަތެއްގައި އޮތް ޣައްޒާގެ ހާލަތު އަންނަނީ އިތުރަށް ގޯސްވަމުންނެވެ.
ފަލަސްޠީނުގެ އެން.ޖީ.އޯ ނެޓްވޯކް (ޕީ.އެން.ޖީ.އޯ) ގެ ޑިރެކްޓަރ އަމްޖަދު ޝަވާ ބުނެފައިވާގޮތުން ޓެންޓުތަކަކީ ފެންބޮޑުވުމުން ރައްކާތެރިކޮށްދޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި، އަވަސް ގޮތަކަށް މޯބައިލް ހޯމް ތަކާއި ހަލާކުވެފައިވާ ފާހާނާތައް މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ޣައްޒާއަށް ވައްދަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވުއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، "ތެންޓްތަކަކީ އެއްވެސް އިރެއްގައި ހައްލެއް ނޫން،"ކަމަށެވެ. އިންސާނީ އެހީގެ ގޮތުގައި އެކަށީގެންވާ ވަގުތީ ހިޔާ ދިނުމަކީ ކަނޑައެޅިފައިވާ ޕްރޮޓޮކޯލްތަކުން ލާޒިމުކުރާ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
ޣައްޒާގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މިމަހު ވިއްސާރައާއި ފިނިގަދަވުމުގެ ސަބަބުން، ތިން ކުޑަ ކުދިން ހިމެނޭހެން މަދުވެގެން 15 މީހުން ވަނީ ”ގަނޑުވުމުގެ“ ސަބަބުން މަރުވެފައެވެ.
އެމަރޖެންސީ މަސައްކަތްތެރިން އަންނަނީ ހަލާކުވެފައިވާ އިމާރާތްތަކުގައި ނުތިބުމަށް އިންޒާރު ދެމުންނެވެ. އެހެންނަމަވެސް، ފަލަސްޠީނުގެ ގިނަ ސަރަހައްދުތަކުގައި ވަންނާނެ އެހެން އެއްވެސް ތަނެއް ނެތުމުން، ވިއްސާރައިން ސަލާމަތްވުމަށް ދާނެ އެހެން އެއްވެސް ތަނެއް ނެތެވެ.
މި ހާލަތިގައިވެސް ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއިލުން އަންނަނީ ހުރަސް އަޅަމުންނެވެ. އޭގެ ސަބަބުން، ބޭސްފަރުވާއާއި އެހެނިހެން ސިއްހީ ސާމާނު ނުލިބި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގަދަ ވިއްސާރަޔާއި އުދައެރުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ޓެންޓުތައް ފެނުއަޑީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ