'ހަވީރު'ގެ މީހުން ކޮލަމުން
12 ފެބްރުއަރީ 1996
އަހަރެން ގޮވައިގެން އޭނާ ދިޔައީ މާޒީގެ ތެރެއަށެވެ. މީގެ 40 އަހަރު ކުރީގެ ހަނދާންތަކެވެ. އޮލިމްޕަސް ސިނަމާގެ ސްޓޭޖެވެ. އޭރުގެ މަޝްހޫރު ޖަމިއްޔާ ސީޑީއެސްގެ ތަމްސީލު ޝޯތަކެވެ. އެތައް ސަތޭކަ ބައެއްގެ އިންތިޒާރެވެ.
"އެއީ އެކްޓްކުރުމުގެ އެހެން ލެވެލްއެއް،" އަލީ ޝަމީލް ބުންޏެވެ.
'ޓައިޑްސް' ރެސްޓޯރެންޓްގެ މަތީގައި ތިބިއިރު ލޮނުޒިޔާރަތް ޕާކް އެ އޮތީ ޖެހިގެންނެވެ. އެކްޓަރު ޝަމީލް އެ ދައްކާ ވާހަކައިގެ ޒަމާނުގައި އެއީ މަޝްހޫރު ލޮނުޒިޔާރަތްކޮޅު ޕާކެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ޖަހާފައި ހުންނާނީ އެތަނުގަ އެވެ. ދިވެހިރައްޖޭގެ އަޑަކީ އޭރު ދިވެހިން މުނިފޫހިފިލުވުމުގެ މައިގަނޑު އެއް ވަސީލަތެވެ. ޓީވީއެމްގެ ސިގުނަލު، މާލެއާ ދުރު ހިސާބުތަކަށް ނުލިބޭ ޒަމާނެވެ.
އޭރު އޮލިމްޕަހުގެ ސްޓޭޖަށް އެ އަރަނީ ދިވެހި އެތައް ފަންނާނުންނެކެވެ. ސީޑީއެސްގެ ތަމްސީލު ޝޯތަކެވެ. އެއިން އެއް ޝޯއެއްގައި ދައްކަނީ މާލޭގައި އޭރު އެންމެ އާންމު އެއް މަންޒަރެވެ. ޓީވީ ހުންނަ މަދު ގެއެއްގައި ޓީވީ ދައްކާއިރު މަގުމަތީގައި ތޮއްޖެހިގެން މީހުން ތިބެ އެވެ. ޓީވީން އެ ދައްކާ އެއްޗެއް، މީހުން ގިނަކަމުން، ނުފެނިގެން ޒުވާބު ވެސް ކުރެ އެވެ. އެ ތަމްސީލްގައި ޝަމީލް ބައިވެރިވަނީ އެގޮތަށް ޓީވީ ބަލަން އެއްވާ މީހުންގެ ފެނިލުމެއްގަ އެވެ.
"އެއީ ދެން ވަރަށް ކުޑަކުޑަ ތަންކޮޅެއް އަސްލު،" އޭނާ ބުންޏެވެ.
"ދެވަނަ ތަމްސީލުގައި ލިބުނު އެއަށް ވުރެ ބޮޑު ތަންކޮޅެއް ކުޅެލަން."
އެހާ ހިސާބުން އެ އޮތީ އެކްޓްކުރުމުގެ ދާއިރާއަށް ވަދެވިފަ އެވެ. އޭގެ ފަހުން އޭނާ، އޭރުގެ ގިނަ ފަންނާނުން އާންމުންގެ ލޯމަތިން ގެއްލުނު ގޮތަށް، މާޒީގެ ބަޔަކަށް ނުވި އެވެ. މިހާރު ވެސް އޭނާގެ ފިލްމެއް ނުވަތަ އިސްތިހާރެއް ނަމަވެސް ދޭތެރެ ދޭތެރެއިން ފެނެ އެވެ.
ޝަމީލަކީ މޮޅު އެކްޓަރެކެވެ. ސީޑީއެސްގެ ތަމްސީލުތަކަކީ އޭނާގެ އެ ހުނަރުގެ ފެށުމެވެ. އޭނާގެ ގެއާ ޖެހިގެން ކަހަލަ ގޮތަކަށް ހުންނަ ގ. ޕެރޮޓްގައި އޭރުގެ މަޝްހޫރު އެހެން ފަންނާނަކު އުޅެ އެވެ: ޕެރޮޓް އަބްދުއްރަހީމެވެ. އޮލިމްޕަހުގެ ސްޓޭޖަށް، ވަގުތުން އެ ގެނެސްދިން ތަމްސީލުތަކަށް ޝަމީލް ނެރެދިނީ އަބްދުއްރަހީމެވެ.
"މުޅި މާލެއަށް އޭރު ވަރަށް މަޝްހޫރުވާނެ ސީޑީއެސް ތަމްސީލުތައް. އެއީ ފިލްމު ކުޅުމާ މުޅިން ތަފާތު ކަމެއް. ހަމަ ވަގުތުން ޑައިލޮގް ކިޔަމުން، އެކްޓްކުރާނީ،" ޝަމީލް ބުންޏެވެ.
އެ ހުނަރުވެރިންގެ ބާނީންނަކީ ކަށިމާ އަހުމަދު ޝާކިރާއި، މިހާރު ދިވެހި ބަހުގެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ މުހައްމަދު ޝާހިދު ހަލީމުގެ އިތުރުން އަވަހާރަވެފައިވާ ކޮޕީ މުހައްމަދު ރަޝީދާއި ޗިޅިޔާ މޫސާ މަނިކެވެ. ތަމްސީލްތައް ފަރިތަކުރަނީ ޝާކިރުގެ ގޭގަ އެވެ. ކޮންމެ ފަހަރަކު ބާއްވަނީ ތިން ޝޯ އެވެ. ޝޯތައް ފެށުމުގެ ކުރިން ސްޓޭޖް މަތީގައި ފަރިތަކުރަން ތިން ދުވަސް ލިބެ އެވެ.
"ހަމަ ހުރިހާ ޝޯއެއް ފުލްވާނެ، އޭރު އޮލިމްޕަހުގައި ހުންނާނެ 575 ގޮނޑި. މީހުން ވަރަށް ޝައުގުވެރިވި އެ ތަމްސީލުތައް ބަލަން،" ޝަމީލް ބުންޏެވެ.
އެ ތަމްސީލުތަކުގައި ފެނުނީ އޭރުގެ ދިވެހިންގެ ކުޅަދާނަކަމެވެ. ކޮންމެ ޝޯއެއްގައި ތިން ތަމްސީލު ހިމެނެ އެވެ. ލޯބީގެ ތަމްސީލެއް، މަޖާ ތަމްސީލެއް ދެން ބިރުވެރި ނުވަތަ އިޖުތިމާއީ ކޮންމެވެސް މައްސަލައަކާ ބެހޭ ތަމްސީލެކެވެ. އޭގެ ކޮންމެ ތަމްސީލަކަށް މުޅި ސްޓޭޖްގެ މަންޒަރު ބަދަލުކޮށްލަނީ، ކުރެހުންތެރިޔާ ޗިޅިޔާ މޫސާ މަނިކު ކުރަހާފައި ހުންނަ ސެޓްތަކުންނެވެ.
"ކުޑަ ވަގުތުކޮޅެއް ލިބޭނީ ސްޓޭޖް ބަދަލުކޮށްލަން. ހަމަ އެންމެން އުޅޭނެ އެ މަސައްކަތުގައި،" ޝަމީލް ބުންޏެވެ.
ސްޓޭންޑް މައިކް ގެންގުޅުނު ދުވަސްވަރު ކަމުން އެކްޓަރުން ދައްކާ ވާހަކަ މުޅި ހޯލަށް އިވޭ ގޮތަށް މައިކްތައް ސްޓޭޖްގެ އެކި ދިމަދިމާލުގައި ބަހައްޓަ އެވެ. އެވަގުތަކު ވާހަކަ ދައްކާ މީހާ ހުންނަނީ އެންމެ ކައިރި މައިކަށް އޭނާގެ އަޑު އަރާ ގޮތަށެވެ.
"ޑައިލޮގެއް އޮޅުނަސް އެމީހަކު ޖެހޭނެ އަމިއްލައަށް އެތަން ހަމަޖައްސަން. ފިލްމު ކުޅޭއިރު މަންޒަރު ނެގިދާނެ ކިތައްމެ ފަހަރަކު ވެސް. އެކަމަކު ލައިވް ތަމްސީލެއްގައި އެ ފުރުސަތެއް ނޯންނާނެ. އެހެންވެ މި ބުނަނީ އެ ތަމްސީލުތަކަކީ އަސްލު އެހެން ލެވެލްއެކޭ،" ޝަމީލް ބުންޏެވެ.
އޭނާގެ ހުނަރު ތަފާތުކަމުން ފިލްމުތަކުން ފުރުސަތު ހުޅުވުނެވެ. 'ހަވީރު'ގެ މީހުން ކޮލަމްގައި އޭނާގެ ވާހަކަ ޖެހިއިރު އެއީ މުޅި ރާއްޖެއަށް މަޝްހޫރު އެކްޓަރެކެވެ. ކޮޕީ ރަަޝީދު ފަދަ އަދަބީ ގޮތުން މޮޅު ބޭފުޅުންގެ މަސައްކަތް ކައިރިން ފެނި އަދި ދަސްވުމުގެ ތެރެއިން އޭނާ ފިލްމުތަކަށް ވާހަކަ ވެސް ލިއުނެވެ. ލަވަ ވެސް ހެދި އެވެ.
'މީހުން' ކޮލަމް ނިންމާލަމުން ޝަމީލް ބުނެފައި ވަނީ އެހާ ހިސާބަށް 'ހިތްހަމަޖެހިގެން ދޫކޮށްލެވިފައި އޮތް އެއްޗެއް ނޯންނާނެ' ކަމަށެވެ. މާނައަކީ އޭނާ އެންމެ ހިތްހަމަޖެހޭ ގޮތަށް އޭރު އަދި ފިލްމެއް ވެސް ނުކުޅެވޭ ކަމެވެ. އެހެންވެ ލިއުންތެރިޔާ އޭނާއަށް އިރުޝާދުދިނީ "އެހެންް ވިއްޔާ ހިތްހަމަޖެހޭ އެއްޗެއް ކުޅެވޭތޯ މަސައްކަތްކުރާށޭ" ބުނަމުންނެވެ.
އޭގެ 30 އަހަރު ފަހުން، އަހަރެންގެ ކުރިމަތީގައި އިން އެކްޓަރު ގާތު އަހާލީމެވެ: މިހާރު ހިތްހަމަޖެހޭ އެއްޗެއް ކުޅެވިއްޖެ ހެއްޔެވެ؟
"އާނ، އޮންނާނެ ކުޅެފައި. ފިލްމު 'ޒަލްޒަލާ'ގައި އަހަރެން ކުޅުނު ބަޔާ މެދު ވަރަށް ހިތްހަމަޖެހޭ،" އުމުރުން މިހާރު 60 އަހަރުގެ އެކްޓަރު ބުންޏެވެ.
އަހުމަދު ނިމާލް ޑައިރެކްޓްކުރި އެ ފިލްމުގައި ޝަމީލް ކުޅެނީ އަންހެން ޖިންނިއެއް އަވަލާފައި ހުރި މީހެއްގެ ބަ އެވެ.
"އެއީ އަސްލު ތަފާތު ފިލްމެއް. އާންމުކޮށް ނުކުޅޭ ކަހަލަ ބައެއް އޮންނާނީ. އެއީ އަހަރެން ބޭނުންވި ކަހަލަ ތަފާތު ރޯލަކީ،" ޝަމީލް ބުންޏެވެ.
'ޒަލްޒަލާ'ގެ ކުރިން އޭނާ ވަނީ މަޝްހޫރު 'ފަތިސް ހަނދުވަރު'ގައި ވެސް މުހިންމު ރޯލެއް ކުޅެފަ އެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް އެތައް ސީރީސްއެއް ކުޅެފި އެވެ. އެތައް ފިލްމެއްގައި މަސައްކަތްކޮށްފި އެވެ. ޓީވީއެމުން ރޯދަމަހު ކުރިން ގެނެސްދިން 'ދަންވަރު' ޕްރޮގްރާމްގައި ކުޅުނު 'ތުއްތު'ގެ ޝަހުސިއްޔަތުގެ މަތިން މިހާރު ވެސް އެތައް ބަޔަކު ހަނދާން ހުންނާނެ އެވެ.
ޖުމްހޫރީ ޕާޓީ އުފެދުމާ އެކު ޝަމީލަކީ އެ ޕާޓީގެ އިދާރީ މުވައްޒަފެކެވެ. މިހާރު ވެސް އޭނާގެ ރަސްމީ ވަޒީފައި އޮންނަނީ ޖޭޕީ އޮފީހުގަ އެވެ. އެކަމަކު އޭނާ ހުރީ އެކްޓްކުރުމާ ދުރަކު ނޫނެވެ. އޭނާއާ ގުޅޭ ރޯލުތައް ލިބެ އެވެ. ބައެއް ފިލްމުތައް މިހާރު ވެސް ކުރިއަށް އެބަ ދެ އެވެ. އެކްޓްކުރުމުގެ ދާއިރާއަށް 'އިއްތިފާގަކުން' ވަދެވުނަސް ހަގީގަތުގައި އޭނާ ހިމެނޭނީ އެކަމުގެ ހުނަރު މުއްސަނދި، ރާއްޖޭގެ ތަފާތު އެކްޓަރުންގެ ތެރޭގަ އެވެ.
އެއީ ސީޑީސީ ޝޯތަކުން އުފެއްދި ފަންނާނުންގެ ތެރެއިން އާންމުންނަށް މިހާރު ވެސް ފެންނަ މަދު މީހުންގެ ތެރެއިން އެކެކެވެ.
ތިރީހުން ތިރީސް: އިއްތިފާގެއް އެކަމަކު ހުނަރު މާ ބޮޑަށް ވެސް ތަފާތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ