ގުރުއާން ހިތުދަސްކުރި 50 ހާފިޒަކަށް އަންނަ އާދިއްތައިގައި އެވޯޑުދެނީ

ގުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހޯދި 50 މީހުންނަށް، އަންނަ އާދިއްތަ ދުވަހު އެކަމާ ގުޅޭ އިނާމު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް މީގެ ކުރިން ވެސް އިނާމު ދެ އެވެ. އެކަމަކު ކުރިން އެކަން ފާހަގަ ކުރަނީ އެހެން މުނާސަބާއަކާ ގުޅިގެން ބާއްވާ ހަފުލާއެއްގަ އެވެ. ހާފިޒުންނަށް ހާއްސަކޮށްގެން، ދަސްވެނިވުމުގެ ވަކި ރަސްމިއްޔާތެއް ފުރަތަމަ ފަހަރަށް ބޭއްވީ މިދިޔަ އަހަރު އެވެ.
ތަފްސީލް - ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، މި އަހަރުގެ އެ ރަސްމިއްޔާތު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގަ އެވެ.
ހާފިޒުކަމުގެ ސަނަދު މި ފަހަރު ރެކޯޑު އަދަދަކަށް މީހުން ވަނީ ހޯދާފަ އެވެ. އެގޮތުން:
މިދިޔަ އަހަރު 28 މީހަކު އެ ސަނަދު ހޯދި އިރު، މި ފަހަރު 50 މީހުން ވަނީ އެ ޝަރަފް ހާސިލްކޮށްފައި
އޭގެ ތެރޭގައި ގިނައީ ކުޑަކުދިން
އެނގުން މުހިންމު - ރާއްޖޭގައި އިސްލާމީ މަރުކަޒު ހުރި ކޮންމެ ރަށެއްގައި ހާފިޒުން ބިނާ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެހެން ރަށްރަށުގައި ވެސް މިސްކިތްތަކުގައި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވެ އެވެ. ގުރުއާން ހިތުދަސްކޮށްދިނުމަށް ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހިންގާ ކްލާސްތަކަށް ސަރުކާރުން މާލީ ގޮތުންނާއި އެހެން ގޮތް ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ