ބީއެމްއެލްއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމައި، އިތުރު ދެ ހިއްސާ ބޯނަހުގެ ގޮތުގައި ދެނީ

މިދިޔަ އަހަރު ގައުމީ ބޭންކު ބީއެމްއެލަށް ލިބުނު މާލީ ކުރިއެރުމާއެކު، ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ. މިދިޔަ 2025ވަނަ އަހަރު، ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، އެއީ 2024ވަނަ އަހަރާ އަޅާ ބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެއް ކަމަށް، ބީއެމްއެލުން ވަނީ ހާމަކޮށްފައެވެ. ބީއެމްއެލުން ބުނީ، ބޭންކުގެ ކޮންމެ ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށާއި، އެ ނިންމުމާއެކު ހިއްސާގެ ފައިދާގެ ގޮތުގައި ޖުމުލަ 322.92 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާނެ ކަމަށެވެ. https://sun.mv/218398 އޭގެ އިތުރުން މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ހުށަހަޅާފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ. ހިއްސާގެ ފައިދާ ގޮތުގައި ބަހާނެ އަދަދު ފާސްކުރާނީ އަހަރީ އާންމު ޖަލްސާގައި ކަމަށް، ބޭންކުން ބުންޏެވެ. އެގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާ ކަމަށް، ބީއެމްއެލުން މައުލޫމާތުދެއެވެ. އެހެންކަމުން މި އަހަރު ކޮންމެ ހިއްސާއަކަށް ޖުމުލަ 2091.80 ރުފިޔާގެ ނަފައެއް ލިބޭނެ ކަމަށް، ބީއެމްއެލުން ބުންޏެވެ. ބޭންކުން ބުނީ، ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް، ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުން ކަމަށެވެ. މިގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ "ބުކް ކްލޯޝާ ޑޭޓް" ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީޚާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް ކަމަށް ވެސް، ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ