ސިވިލް ސާވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން، އޮފީހަށް ހާޒިރު ނުވެ އޮފީހުގެ ރަސްމީ މަސައްކަތްތައް ގޭގައި ކުރުމަށް، ތިން ގޮތަކަށް ހުއްދަ ދޭން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ސިވިލް ސާވިސްގައި މަސައްކަތް ކުރާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން (މަންމަ ނުވަތަ ބައްޕަ، ނުވަތަ ބަލަދުވެރިޔާ) އޮފީހަށް ހާޒިރުނުވެ، ގޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދޭނެ ކަމަށް އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒެވެ.
މިއަދު ގެޒެޓުގައި ވަނީ އެކަމާ ގުޅޭ ގަވައިދު އާއްމުކޮށްފަ އެވެ.
ތަފްސީލް - ގަވައިދުގައި ބުނިގޮތުގައި ގޭގައި މަސައްކަތްކުރުމުގެ ހުއްދަ ބެލެނިވެރިޔާއަށް ދޭނީ، ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ އާއްމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް، ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކޮށެވެ.
އެ ފަދަ ކުދިންގެ ބެލެނިވެރިން ވަނީ ތިން ދަރަޖައަކަށް ބަހާލާފަ އެވެ.
ބެލެނިވެރިން ދަރަޖަ ކުރެވޭނެ ހާލަތްތައް:
ދަރަޖަ 1 - އާއްމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން
ދަރަޖަ 2 - އާއްމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން މެދުމިންވަރަކަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން
ދަރަޖަ 3 - އާއްމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުން ނުވާ ކުދިންގެ ބެލެނިވެރިން
ގަވައިދުގައިވާ ގޮތުން:
އެއް ވަނަ ދަރަޖައިގެ މައިންނަށް، މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ މަސައްކަތް ކުރެވޭނެ
ދެ ވަނަ ދަރަޖަ އާއި ތިން ވަނަ ދަރަޖައިގެ މައިން، އޮފީހަށް ހާޒިރުނުވެ މަސައްކަތް ކުރެވޭނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ ކައިރީގައި ކޮންމެހެން ހުންނަން ޖެހޭ ހާލަތެއްގައި
އެ ހާލަތުގައި، ރަސްމީ ވަގުތުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވަގުތު ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ގާތުގައި ހުންނަން ޖެހޭ ހާލަތުގައި، އޮފީހަށް ނުކުމެ ދުވާލަށް ކަނޑައަޅާފައިވާ މަސައްކަތުގެ ބޮޑުބައެއްގައި މަސައްކަތް ކުރުމަށް ފަހު، ބާކީ ވަގުތަށް އޮފީހަށް ހާޒިރުނުވެ މަސައްކަތް ކުރެވޭނެ
ގަވައިދުގައި ބުނެފައިވާ ގޮތުގައި:
ހަވާލުކުރާ މަސައްކަތަކީ ގޭގައި ހުރެގެން ކުރެވޭ ފަދަ މަސައްކަތަކަށް ވާން ޖެހޭނެ
އެކަން ކުރުމަށް، އެކަށީގެންވާ ވަސީލަތްތަކާއި މާހައުލެއް އޮތްކަން ކަށަވަރުކުރަން ވާނެ
އޮފީހަށް ހާޒިރުވެގެން ކުރަން ޖެހޭ ކަމެއް އޮތް ނަމަ، އެކަމަށް އެދުމުން އޮފީހަށް ހާޒިރުވާން ޖެހޭނެ
ގޭގައި ހުރެގެން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭނަމަ، އެކަމަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރެވިދާނެ
ގަވައިދުގައިވާ ގޮތުން، ޓީޗަރުންނާއި ނަރުހުންނާއި ހިންގުމުގެ އިސް ފަންތީގެ މުވައްޒަފުން ފަަދަ، ތަނަކަށް ހާޒިރުވެގެން މަސައްކަތް ކުރަން ޖެހޭ މީހުން މި ލުއިން އިސްތިސްނާވެ އެވެ.
އެކަމަކު އެ ފަރާތްތަކަށް ވެސް، ދަންފަޅި ކަނޑަ އެޅުމުގައި އާއި މަސައްކަތް ކުރާ ވަގުތު ކުރުނުވާ ގޮތަށް ހަމަޖެއްސުމާއި، ބާކީ ވަގުތު ގޭގައި ހުރެގެން ކުރެވޭ ގޮތަށް އިންތިޒާމުތައް ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ގޭގައި މަސައްކަތް ކުރުމުގެ ހުއްދަ 3 ގޮތަކަށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ