30،000 ކަސްޓަމަރުން އިތުރުވެ، ޑިޕޮސިޓް 16 ޕަސެންޓަށް އިތުރުވުމުން ކަސްޓަމަރުން ކުރާ އިތުބާރު ހާމަވޭ: ބީއެމްއެލް
ވޭތުވެދިޔަ އަހަރު ބީއެމްއެލްއަށް 30،000 ކަސްޓަމަރުން އިތުރުވެ ބޭންކުގެ ޑިޕޮސިޓް 16 ޕަސެންޓަށް އިތުރުވުމުން، އެކަމުން ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލްއިން ބުނީ ވޭތުވެދިޔަ އަހަރު ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ޚާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ އެ ބޭންކަށް ލިބިފައި ވާކަމަށާއި އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 ޕަސެންޓުގެ ކުރިއެރުމެއްކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. އެ ބޭންކުން ވަނީ ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައި ވާކަން ހާމަކޮށްފައެވެ. އަދި އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު އެ ބޭންކުން އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައި ވާކަން އެ ބޭންކުން ފާހަގަކުރެއެވެ. ނިމިދިޔަ އަހަރަކީ، ބޭންކުގެ ތާރީޚުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރުކަމަށާއި ވޭތުވެ ދިޔަ މާލީ އަހަރުގެ ތެރޭގައި 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅިފައި ވާކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ 16 އިންސައްތަ އިތުރުވެފައި ވާކަމަށާއި އެއީ އެ ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރާއި ޚިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. މިކަމާ ގުޅުވާ ބީއެމްއެލްގެ ސީއީއޯ، އަދި މެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަރީފް ވަނީ، ވޭތުވެދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްގެ ތާރީޚުގައި ވަރަށް މުހިންމު އަހަރެއް ކަމަށާއި ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން މިހާރު ސާބިތުކޮށްދީފައި ވާކަމަށް ވިދާޅުވެފައެވެ. ބީއެމްއެލްގެ ނިމިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް އޭނާ ވަނީ ހޯދާފައިވާ ރެކޯޑު ފައިދާއާއި، ބެންކުގެ ތާރީޚުގައިވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ ބީއެމްއެލްގެ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިގްތިސާދު ކުރިއެރުވުމަށް ބީއެމްއެލްއިން ކުރަމުންދާ މުހިންމު މަސައްކަތްކަން ފާހަގަކޮށްފައެވެ. ބޭންކުގެ ވިއުގަ އިތުރަށް ފުޅާކުރުމާއެކު ޑިޖިޓަލް ވަސީލަތްތައް ތައާރަފުކޮށް އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުން ރަމްޒުކޮށްދެނީ، ކޮންމެ ދިވެއްސަކަށްވެސް، އެ މީހަކު ހުރި ތަނަކުން ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރާ ބުރަ މަސައްކަތް. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް.ބީއެމްއެލްގެ ސީއީއޯ، އަދި މެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަރީފް ޝަރީފް ވަނީ އެ ނަތީޖާ ހޯދުމަށް ބޭންކުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަށާއި ބެންކުގެ ޑިރެކްޓަރުންގެ ބޯޑުން ދެއްވާ އިރުޝާދަށް ޝުކުރު އަދާކޮށްފައެވެ. އަދި ބޭންކުގެ ހިއްސާދާރުންނާއި ކަސްޓަމަރުން ބޭންކަށް ދެއްވާ އިތުބާރަށް، އެ ފަރާތްތަކަށްވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި ނިމިދިޔަ އަހަރުގެ ތެރޭގައި ބޭންކަށް ހޯދުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބިއަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ގާއިމްކުރުމެވެ. އެ މަޝްރޫއަށް ރާއްޖެއާއި ބައިނަލްއަގުވާމީ ފެންވަރުގައި ޚާއްސަ ސަމާލުކަމެއް ލިބިފައިވާއިރު، މާލީ ޚިދުމަތްތަކުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 'ކޯރަސް' އިން ދޭ 'އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން' އެވޯޑް މި މަޝްރޫއާ ގުޅިގެން ބީއެމްއެލްއަށް ވަނީ ލިބިފައެވެ. ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތާއެކު ބޭންކުން ވަނީ ޑިޖިޓަލް ޚިދުމަތްތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ހަލުވިކޮށްފައެވެ. އެގޮތުން އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުން ފަދަ ހުރިހާ ޚިދުމަތްތަކެއް އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް މިހާރު ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. މީގެ އިތުރުން ބީއެމްއެލް އިން ވަނީ 'ސްވައިޕް' ވޮލެޓް ތައާރަފުކޮށްފައެވެ. އެއީ 100 ޕަސެންޓް ދިވެހިން އުފައްދާފައިވާ، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދުގެ ކުރިމަގުގައި ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދޭނެ، އެކި ބާވަތުގެ ފައިސާ ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ