އިންތިހާބުގެ ކަންކަން އިލެކްޝަނުން އިންތިޒާމްކުރަނީ ވަކިބަޔަކަށް މަންފާވާގޮތަށް: ވަހީދު

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން އިލެކްޝަނުން އިންތިޒާމްކުރަނީ ވަކިބަޔަކަށް މަންފާވާގޮތަށްކަމަށް އެމްޑީޕީން އިލެކްޝަން ކޮމިޝަނަށް ވަރަށްބޮޑަށް ފާޑުކިޔައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެމްޕެއިން ތަރުޖަމާން ޢަބްދުالله ވަޙީދު ވަނީ ސިނާއީ މަސައްކަތްކުރާ ރަށްރަށާއި، ބޭރުޤައުމުތަކުގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަނުން ނިންމި ނިންމުމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. 
މިހާރު އޮތްގޮތުން ރާއްޖެއިން ބޭރު ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީކޮށް، މަދުވެގެން ކޮންމެވެސް އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓަރީވެފައިވާނަމައެވެ. މިކަމާ ގުޅިގެން ވަހީދު ވިދާޅުވީ، އެތަންތަނުގައި ވޯޓުފޮށި ނުބައްހައްޓަން ނިންމުމަކީ އެމްޑީޕީން ނިހާޔަތަށް ކަންބޮޑުވާ ނިންމުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، 400 އެހާ މީޙުން ދިރިއުޅޭ ރަށްރަށުގައި ވޯޓުފޮށި ބެހެއްޓޭއިރު، ހާހުން ދިވެހިން އުޅޭ މެލޭޝިއާ އަދި ލަންކާ ފަދަ ތަންތަނުގައި ވޯޓުފޮށި ނުބެހެއްޓެންވީ ސަބަބެއް ނެތްކަމަށެވެ. 
އެތަންތަނުގައި ވޯޓު ފޮށިތައް ނުބެހެއްޓުމުގައި ގިނަގުނަ ސަބަބުތަކެއް އެބަހުރި. ސަރުކާރަށް އިންތިހާއަށް ފައިދާ ވާނެ ގޮތަށް އެކަންކަން ކުރީ. މިއަދުވެސް ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ އެލަވަންސްތައް ނުދެވޭ. އެހެންވީމާ އެފަރާތްތަކުގެ ވޯޓު ސަރުކާރަށް ނުލިބޭނެކަން ޔަގީންވާތީވެ އިލެކްޝަން ކޮމިޝަން ބޭނުންކޮށް އެތަންތަނުގައި ވޯޓު ފޮށި ބެހެއްޓުން އެއީ ނެތް ކަމެއް ގޮތުގައި ހެދީ
ކެމްޕެއިން ތަރުޖަމާނު ޢަބްދުالله ވަޙީދު
އޭނާ ވިދާޅުވީ ގިނަ އަދަދަކަށް ދިވެހިން އުޅެމުންދާ އެ ޤައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި އެހާ ބޮޑު އަދަދެއްގެ ރަޖިސްޓްރޭޝަނެއް އޮންނަން ޖެހޭނެ ކަމަށް އެމްޑީޕީން ޤަބޫލުނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ވޯޓުލުން އޮންނަދުވަހު އެމްބަސީތަކުގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސް އެފަރާތްތައް ވޯޓުލައްވަން މަސައްކަތް ކުރަމުންދާކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދޭންޖެހޭނެ އިންތިހާބެއްކަން ފާަހގަކުރަމުން ވަހީދު ވިދާޅުވީ، އިލެކްޝަނުން މަސައްކަތްކުރަމުން ދަނީ ސަރުކާރުގެ ނުފޫޒުގެ ތެރެއިންކަމަށެވެ.
ވަހީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެގެން އަންނައިރު، ސަރުކާރުން މުއައްޒަފުންނަށް ބިރުދައްކައި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ