ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާއަށް 2.5 ބިލިއަން؛ %9.8 އިތުރު

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު، އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެއް ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން ވަނީ އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް މިއަދު އާންމުކޮށްފަ އެވެ. މި ނަތީޖާތަކުން ދައްކާ ގޮތުން މިދިޔަ އަހަރަކީ އެ ބޭންކަށް ރެކޯޑް އަހަރެކެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނީ:
ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައި 
އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައި؛ މިއީ އެ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރު
މިދިޔަ އަހަރު 30,000އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބީއެމްއެލްއާ ގުޅި، ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ %16 އިތުރު
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރަކީ ބީއެމްއެލްގެ ތާރީހުގައި ވަރަށް މުހިންމު އަހަރެކެވެ. އެގޮތުން، ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާ އެކު އިޖުތިމާއީ ގޮތުން ވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން އެ ބޭންކުން ސާބިތުކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ބީއެމްއެލް އިން ހޯދި ރެކޯޑު ފައިދާ އާއި އެ ބޭންކުގެ ތާރީހުގައި ވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ، ޝަރީފް ވިދާޅުވި ގޮތުގައި، އެ ބޭންކުގެ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިގްތިސާދު ކުރިއެރުވުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެވެ.
"ބޭންކުގެ ވިއުގަ އިތުރަށް ފުޅާކުރުމާއެކު ޑިޖިޓަލް ވަސީލަތްތައް ތައާރަފްކޮށް އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުން ރަމްޒުކޮށްދެނީ، ކޮންމެ ދިވެއްސަކަށް ވެސް އެ މީހަކު ހުރި ތަނަކުން ބޭނުންވާ މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މެދުކެނޑުމެއް ނެތި ކުރާ ބުރަ މަސައްކަތް. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް،" އޭނާ ވިދާޅުވި އެވެ.
"މި ނަތީޖާ ހޯދުމަށް ބޭންކުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަށާއި ބެންކުގެ ޑިރެކްޓަރުންގެ ބޯޑުން ދެއްވާ އިރުޝާދަށް ޝުކުރު އަދާކުރަން. ބޭންކުގެ ހިއްސާދާރުންނާއި ކަސްޓަމަރުން ބޭންކަށް ކުރައްވާ އިތުބާރަށް އެ ފަރާތްތަކަށް ވެސް ހާއްސަ ޝުކުރެއް ދަންނަވަން."
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން ބުނި ގޮތުގައި، މިދިޔަ އަހަރު އެ ބޭންކަށް ހޯދުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބިއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ގާއިމްކުރުމެވެ.
މި މަޝްރޫއަށް ރާއްޖެ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ހާއްސަ ސަމާލުކަމެއް ލިބިފައިވާއިރު، މާލީ ހިދުމަތްތަކުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 'ކޯރަސް' އިން ދޭ 'އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން' އެވޯޑް މި މަޝްރޫއާ ގުޅިގެން ބީއެމްއެލްއަށް ވަނީ ލިބިފަ އެވެ.
ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތާއެކު ބޭންކުން ވަނީ ޑިޖިޓަލް ހިދުމަތްތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ހަލުވިކޮށްފަ އެވެ. އެގޮތުން:
އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުން ފަދަ ހުރިހާ ހިދުމަތްތަކެއް އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް މިހާރު ކުރެވޭނެ 
ބީއެމްއެލް އިން ވަނީ 'ސްވައިޕް' ވޮލެޓް ތައާރަފުކޮށްފައި؛ މިއީ %100 ދިވެހިން އުފައްދާފައިވާ، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދުގެ ކުރިމަގުގައި ބޭނުންވާނެ ހިދުމަތްތައް ފޯރުކޮށްދޭނެ، އެކި ބާވަތުގެ ފައިސާ ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ