ބީއެމްއެލްގެ ތާރީހުގައި އެންމެ ގިނައިން ލޯނު ދޫކުރީ މިދިޔަ އަހަރު؛ 10 ބިލިއަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު އަލަށް 10 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު، އެއީ އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރު ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން ވަނީ އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް މިއަދު އާންމުކޮށްފަ އެވެ. މި ނަތީޖާތަކުން ދައްކާ ގޮތުން މިދިޔަ އަހަރަކީ އެ ބޭންކަށް ރެކޯޑް އަހަރެކެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނީ:
މިދިޔަ އަހަރު އެ ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާގެ ލޯނާއި ފައިނޭންސިން ދޫކޮށްފައި
އެއީ އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި ދޫކުރި އަދަދު
މިއީ އެ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރު
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލް އިން ހޯދި ރެކޯޑު ފައިދާ އާއި އެ ބޭންކުގެ ތާރީހުގައި ވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ އެ ބޭންކުގެ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިގްތިސާދު ކުރިއެރުވުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން ބުނި ގޮތުގައި، މިދިޔަ އަހަރު އެ ބޭންކަށް ވަނީ:
ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައި؛ އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެއް
ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައި
 މިދިޔަ އަހަރު 30,000އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބީއެމްއެލްއާ ގުޅި، ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ %16 އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ