ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެގެން ދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހިތާބުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ވޭތުވި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އ.ތ.މ. ކޮމިޓީތަކަށް ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ހަޤީގަތަކަށް ވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ޖިތާބުގައި ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި ސަރުކާރުން މިއަދު ވަނީ އިސްނަގައިފައި ކަމަށާއި، ރަށްތަކުގެ ޞިއްޙީ، ތަޢުލީމީ އަދި މިނޫން އިޖުތިމާޢީ ޚިދުމަތްތައްވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް، އޭ.ޓީ.އެމް.، ކޮންމެ އަތޮޅަކުން އައި.ޑީ ކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށްފަހު ސަރުކާރުން އެކަންކަން ޙަޤީޤަތަކަށް ހަދައިދީފައިވާކަމަށެވެ.
ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން. ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރާނަން. މަގުހެދުން، ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައި
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރާއްޖޭގެ ޤައުމީ ތަރައްޤީގެ މައި ތަޞައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޚިޔާލު ސަރުކާރުން ހޯދާފައިވާކަން ފާހަގަކުރަމުން ރައީސް ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވުން، މަސްތުވާތަކެތީގެ ވިޔަފާރި، ގޭންގު ކުށްތައް އޮތުމަކީ ރައްޔިތުންހގެ ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސ ްވިދާޅުވީ މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ޚިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުޞަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެކަމަށެވެ. އަދި އުއްމީދަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްޤީއާއި ތަމައްދުން ގެނައުމުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ވަމުންދިއުންކަމަށްވެސް ރައީސްގެ ހިތާބުގައި ވަނީ ވިދާޅުވެފައެވެ.
އުއްމީދަކީ އިންތިޚާބާއެކު، ކައުންސިލްތަކުގެ ދައުރު އިތުރަށް ވަރުގަދަވެގެން ދިއުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ